ރާއްޖެއަށް ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ޕާކިސްތާނު ހަތަރު މީހުންގެ ހަށިގަނޑުން 227 ބުލެޓް ނުވަތަ 2.9 ކިލޯގެ ޑްރަގް ބޭރުކޮށްފި އެވެ.
ރާއްޖެއަށް ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހަތަރު މީހަކު މިދިޔަ އަންގާރަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. މި މީހުންގެ ބަންދަށް އޭރު ވަނީ ހަތަރު ދުވަސް ޖަހާފަ އެވެ.
މި ހަތަރު މީހުން ބަންދުގެ މުއްދަތު ހަމަވާތީ އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އެ މީހުންނާ ދެކޮޅަށް އިތުރު ހެކިތަކެއް ވަނީ ހުށަހަޅާފަ އެވެ.
ފުލުހުން ހުށަހެޅި ހެކިތަކުގައި ބުނެފައި ވަނީ އެމީހުންގެ ހަށިގަނޑުން 227 ބުލެޓް ބޭރުކޮށްފައިވާ ކަމަށެވެ. އެގޮތުން 32 އަހަރުގެ މިސްބާހް ބީބީ ބޮޑުކަމުދިޔަ އިރު 10 ބުލެޓް ފެނިފައިވާ ކަމަށާއި ނައީމް ތޯރިގް ބޮޑުކަމުދިޔައިރު 75 ބުލެޓް ވެއްޓިފައިވާ ކަމަށެވެ. އަދި ހަވާރް ހުސައިން ބޮޑުކަމުދިޔައިރު 62 ބުލެޓް ވެއްޓިފައި ވާއިރު، އެންމެ ގިނައިން ބުލެޓް ދިރުވާލައިގެން އުޅުނު ޝާހްޒާދް ހުސައިން ބޮޑުކަމުދިޔަ އިރު 80 ބުލެޓް ވެއްޓުނު ކަމަށް ފުލުހުން ބުނެ އެވެ. މި ހަތަރު މީހުން ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ކުށަށް ވަނީ އިއުތިރާފުވެފަ އެވެ.
މިއިން ކޮންމެ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް އިތުރުކޮށްދީފަ އެވެ.
ފުލުހުންނާއި ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މަސްތުވާތަކެތި އެންމެ ގިނައިން އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނެ އެވެ.