ނިޔަފަތިތަކަށް އަޅާލުމަކީ ގިނަފަހަރަށް އަހަރުމެންނަށް އަޅާނުލާ ދޫކޮށްލެވޭ ކަމެކެވެ. އެހެން ނަމަވެސް ހަށިގަނޑުގެ މި ކުޑަ ތަންކޮޅުން އަހަރުމެންގެ ސިއްހަތާ ބެހޭ އެތައް ވާހަކަތަކެއް އަންގައިދެ އެވެ. އެގޮތުން ނިޔަފައްޗަށް އަންނަ ބަދަލުތަކުން އަހަރުމެން ފަރުވާތެރިވާންވީ ކަންކަން ބުނެދެ އެވެ.

ނިޔަފަތި ތުނިވުން

އަތްލެވޭ ކޮންމެވެސް ކަހަލަ ކެމިކަލްއެއްގެ ސަބަބުން ނިޔަފަތިތައް ތުނި ވާގޮތް މެދުވެރިވެ އެވެ. މިހެން ދިމާވުމުން، ވަރަށް ފަސޭހައިން ނިޔަފަތި ލެނބުމާއި ބިންދައިގެން ދިޔުންފަދަ ގޮތްތައް މެދުވެރިވެ އެވެ.

ނިޔަފަތި ކުރަކިވެ ފަޅައިގެން ދިއުން

ނިޔަފަތި ފަޅައިގެން ދަނީ މާގިނައިން ތަށިދޮންނަ މާމާފަދަ ތަކެތި ބޭނުންކުރެވުމުން ނިޔަފަތި ހިކި ވަށައިގެންވާ ހަންގަނޑު ކުރަކި ވުމުންނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިއީ ތައިރޮއިޑް މައްސަލައެއްގެ އަލާމާތެކެވެ.

ނިޔަފަތި ފުފުން

އެއްވަރެއްގައި ހުރުމުގެ ބަދަލުގައި އުސްވެފައި ހުންނަނީ ނިޔަފަތި ދިގުވާ މިންވަރު ދަށްވުމުންނެވެ. ނުވަތަ އެއްކޮށް ނިޔަފަތި ދިގުވުން ހުއްޓުމުންނެވެ. މިހެން މެދުވެރިވަނީ ހަކުރުބަލި ހުންނަ މީހުންނަށެވެ.

ނިޔަފަތި ނޫވުން

ނިޔަފަތި ނޫވުމަކީ އޮކްސިޖަން ލެވަލް ދަށްވުމުގެ އަލާމާތެކެވެ. އޮކްސިޖްން ދަށްވުމުގެ މައްސަލައެއް ނުހުންނަ މީހެއްގެ ނިޔަފަތި ނޫ ވާނަމަ، އަވަހަށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

ނިޔަފަތި ރީނދޫވުން

އިންފެކްޝަންއެއްގެ ސަބަބުންނާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ނިޔަފަތި ރީނދޫވެ އެވެ. އަދި ބައެއް ހާލަތްތަކުގައި ތައިރޮއިޑް މައްސަލަ، ފުއްޕާމޭގެ މައްސަލަ އަދި ހަކުރު ބަލީގެ ސަބަބުންވެސް މިގޮތަށް ދިމާވެ އެވެ.

ނިޔަފަތީގައި ކަޅު ރޮނގެއް ހުރުން

މިގޮތަށް ދިމާވުމަކީ މެލަނޯމާގެ ސަބަބުން ދިމާވެދާނެ ކަމެކެވެ. މެލަނޯމާއަކީ ހަމުގެ ކެންސަރުގެ ވައްތަރެކެވެ. މިގޮތަށް ހުންނަނަމަ، ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ.