ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންނަށް ހެދޭ ބައެއް ގޯސްތަކުގެ ސަބަބުން ކުދިންގެ މިޒާޖާއި އަޚުލާގަށް ނޭދެވޭ ބަދަލުތަކެއް އާދެ އެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ބޮޑެތިވަމުން އަންނަ ކުދިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނަށް ހެދޭ ބައެއް ގޯސްތަކަށެވެ.
މާ ގިނައިން ހަރުކަށި ބަސްތައް ބޭނުންކުރުން
ކުދިން ތަރުބިއްޔަތުކުރުމުގައި ހަރުކަށި ވާން ޖެހޭ ފަހަރު ވެސް އަންނާނެ އެވެ. އަޑުހަރުކޮށް ބަސް ބުނަން ޖެހޭ ކަންތައްތައް ވެސް ކުރިމަތި ވާނެ އެވެ. ނަމަވެސް އާއްމުކޮށް ދަރިންނާ މުއާމަލާތް ކުރާއިރު ހަރުކަށި ބަސްތައް ބޭނުންކުރުމަކީ އެ ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި މައިންބަފައިންނާ އެކު އޮންނަ ގުޅުމަށް އަސަރުކުރާނެ ކަމެކެވެ.
އެހެން ކުދިންނާ އަޅާކިޔުން
ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެކެވެ. އެކި ކުދިންގެ ހުންނާނީ އެކި ހުނަރެވެ. ގާބިލިއްޔަތުކަން ހުންނާނީ އެކި މިންވަރަށެވެ. އެހެންކަމުން އެހެން ކުދިންނާ ތިބާގެ ދަރިފުޅު އަޅާކިޔުމަކީ އެ ކުއްޖާގެ ހިތް މަރުވެ ހިތްވަރު އެލޭނެ ކަމެކެވެ. އެއާ ޚިލާފަށް އެ ދަރިފުޅުގެ ކިތަންމެ ކުޑަ ކާމިޔާބީއެއް ނަމަވެސް ފާހަގަކޮށް އެ ދަރިފުޅަށް ތަރުހީބު ދޭށެވެ.
ކޮންމެ ކަމެއްގައި އަޑުހަރުކޮށް ބަސް ބުނުން
ކުރިން ވެސް ބުނި ފަދައިން ތަރުބިއްޔަތު ކުރުމުގައި އަޑު ހަރުކުރަންޖެހޭ ފަހަރު ވެސް އަންނާނެ އެވެ. ނަމަވެސް ދަރިންގެ ކޮންމެ ކުށަކަށް އަޑުހަރުކޮށް ބަސްބުނެ ހަރުކަށި އަދަބު ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި މަޑުމައިތިރި ކަމާއެކު އެ ކުދިންނަށް ނަސޭހަތްދީ ވިސްނައިދޭށެވެ.
ހުރިހާ ކަމަކަށް ފާޑުކިޔުން
ދަރިންނާ ހަވާލުކުރާ ކަންކަން ކުރުމުގައާއި އެކުދިން އުޅޭ އުޅުމުގައި ތިބާއާ ތަފާތު ގޮތެއް ހުރެދާނެ އެވެ. މިސާލަކަށް ހެދުން އަޅަން ބޭނުންވާ ގޮތެވެ. އެހެން ނަމަވެސް އެއިން ކޮންމެ ކަމަކަށް ފާޑުކިޔުމަކީ ކުއްޖާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވާ ކަމެކެވެ. އޭގެ ބަދަލުގައި ރަނގަޅު ގޮތުގައި ދަރިންނަށް ހެޔޮނުބައި ކިޔައިދޭށެވެ.
މީހަމަ ބެސްޓް ނަމްބަރ އެކެއް