ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކުރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ރައީސް ދަތުރުފުޅުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއަޅައި، އަޑުގަދަކޮށް އާއްމު މަސްލަހަތު ނަގާލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ތިން މީހެއްގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ދެ މީހުންގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި ދައުލަތުގެ މަސައްކަތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.

މޮޓޯކޭޑަށް ހުރަސްއެޅުމުގެ ކުށުގައި ދައުވާކުރި މީހުން

  1. އަހުމަދު ސިނާން / އެސްޓަންވިލާ، ގއ. ދެއްވަދޫ ( 2 ދައުވާ )
  2. މަރިޔަމް މާޝާ / ސޭޑީކޯނާ، ށ. ބިލަތްފަހި ( 2 ދައުވާ )
  3. މުހައްމަދު އައްބާސް / ހުޅުމާލެ ގޯތި11328
  4. އަހުމަދު ރަޝީދު/ ދަފްތަރު ނަންބަރު 9151
  5. އަހުމަދު އަޒީލް / ހުޅުމާލެ ފްލެޓު06-2-154

ރައީސް މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރެ އެވެ. އެއީ ހުޅުމާލޭގައި އޮތް ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް މާލެއަށް ވަޑައިގެން ޕީޕީއެމް އޮފީސް ކުރިމަތިން ދުއްވާފައި ދަނިކޮށެވެ.

ޕީޕީއެމްގެ މުޒާހަރާ ހިނގަމުން ދަނިކޮށް އެތަނަށް ރައީސްގެ މޮޓޯކޭޑް ވަނުމުން މުޒާހަރާގެ ބައިވެރިން ވަނީ އެއަށް ހުރަސް އަޅާފަ އެވެ. މިކަމާ ގުޅިގެން ސެކިއުރިޓީ ފެއިލްވެފައިވާ ކަމަށް ބުނެ ފާޑުކިޔުންތައްވަނީ އަމާޒުވެފަ އެވެ. އަދި މި މައްސަލައާ ގުޅިގެން ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާއިރު އެ މައްސަލަ ބަލަން އެމްއެންޑީއެފުން ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.

އެހެންނަމަވެސް އޭނާގެ އެއްވެސް އިހުމާލެއް ނެތް ކަމަށް ގައުމީ ދިފާއީ ބާރުން ނިންމަވާ މިދިޔަ މަހުގެ ސަސްޕެންޝަން ވަނީ އުވާލައްވާފަ އެވެ.