ބަންޑާރަ ނައިބު އިތުބާރު ނެތް ކަމަށް އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ބަންޑާރަ ނައިބާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ، ޗާގޮސްގެ މައްސަލަ ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ރިފްއަތު އިސްދައުރެއް އަދާކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫން ކަމަށް ބުނެ އެވެ.

މި މައްސަލަ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި ޖަލްސާއަށް ވެސް އެޖެންޑާކުރި އެވެ. އެހެން ނަމަވެސް އެ ދުވަހުގެ ޖަލްސާއަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަޑައިގެންފައިނުވެ އެވެ. ރިއްފަތު މަޖިލީހަށް ވަޑައިނުގެން ލިޔުމުން ޖަވާބު ފޮނުވުމުން ޖަލްސާގައި އެ މައްސަލަ ކުރިއަށް ނުގެންދެވުނެވެ. ނަމަވެސް އެކަމާ މެދު މަޖިލީހުގައި ހިޔާލުތަފާތުވުން އުފެދުމުން އެކަން މަޑުޖައްސާލައްވައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނިންމެވީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށެވެ.

މާދަމާގެ ޖަލްސާގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ވެސް އޮތީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. މި މައްސަލާގައި ރިއްފަތަށް މަޖިލީހުގައި ޖަވާބު ދާރީވާން 30 މިނިޓް ލިބިގެންދާނެ އެވެ. އެއީ ބަހުސް ފެށުމުގެ ގޮތުން 10 މިނިޓް މެދުތެރެއިން 10 މިނިޓް އަދި ނިންމުމަށް 10 މިނިޓެވެ.

މާދަމާ ބާއްވާ ޖަލްސާއަށް މި މައްސަލަ އެޖެންޑާކޮށްފައިވާއިރު ބަންޑާރަ ނައިބް ރިއްފަތު ވަނީ މަޖިލީހަށް ގޮސް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

މާދަމާ ބާއްވާ ޖަލްސާގައި ރިއްފަތު ބައިވެރިވެވަޑައިގެން މި މައްސަލާގައި ޖަވާބު ދާރީވާނެކަމަށް ބެލެވެއެވެ. މަޖިލިސް ޤަވާއިދު ބަޔާންކުރާ ގޮތުގައި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޤްލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދެވެ.