ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ކުރީގެ ސަރުކާރުތަކުން މިމައްސަލާގައި އިހުމާލުވެފައިވާ ކަމަށް ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ގެއްލުނު މައްސަލާގައި ރިއްފަތުގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅި މައްސަލާގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވީ ދެކުނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ މައްސަލައަކީ ޒަމާންވީ މައްސަލައެއް ކަމަށާއި 1992 ވަނަ އަހަރުން ފެށިގެން މި ހައްސާސް މައްސަލައަށް ކުރީގެ އެއްވެސް ސަރުކާރަކުން ދިވެހިންގެ ހައްގުގައި ގޮތެއް ނިންމަން ނުކެރުނު ކަމަށެވެ. އަދި މިކަމުގައި ނޭނގި ނަމަވެސް ކުރީ ސަރުކާރުތަކުންނާއި ބަންޑާރަ ނައިބުން ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

"ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ކުރީގެ ބަންޑާރަނައިބުން ވެފައިވާ އިހުމާލުވެސް އިންތިހާއަށް ބޮޑު. އެކަން އަޅުގަނޑު ލަދުވެތިކަމާއެކު ފާހަގަކުރަން،" ރިފްއަތު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީގެ މައްސަލައިގައި ރިފްއަތު ވިދާޅުވީ އެސިޓީއާ ގުޅުވައި ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ދިވެހި ދައުލަތުން ކޮޅު ބަދަލުކުރީ ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެސިޓީއަކީ ދެކުނުގެ އީއީޒެޑްގެ މައްސަލައިގެ މައުޟޫއާ އެއްވެސް ގުޅުމެއް ނެތް މައްސަލައެއް ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

"މައްސަލަ ނިމުނުއިރު މޮރިޝަސް ސަރުކާރުން އަޅުގަނޑަށް ދިން ރަން މެޑެއްޔެއް ނެތް. އަޅުގަނޑަށް ދިން ލަގަބެއް، އިއްޒަތެއް ވެސް ނެތް. ޑޮލަރުލާން އަޅުގަނޑު ހުޅުވި އެސްކްރޯ އެކައުންޓެއް ވެސް ނޯންނާނެ. އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް ފައިސާއެއްގައި ޖެހި ރައްޔިތުންނަށް ހިޔާނާތްތެރި ނުވާކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދެން،" ރިފްއަތު ވިދާޅުވި އެވެ.

ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއައި ޗާގޮސް މައްސަލައާ އެއްވެސް ގުޅުމެއް ނެތްކަމަށް ރިއްފަތު ވިދާޅުވެފައިވި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މައްސަލަ އިޓްލޮސްއިން ނިންމާފައިވަނީ ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ އަސާސެއްކަމަށް ބަލައިގެން ކަމުގަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ރުހުން ނެތި ރައީސަށް އެސިޓީ މޮރިޝަސްގެ ބޮޑުވަޒީރަށް ނުފޮނުއްވޭނެ ކަމަށް ވެސް އިދިކޮޅު ފަރާތަކުން ބުނަމުންދެ އެވެ.

އިޓްލޮސްގެ ނިންމުމާއެކު ފުށުއަރާ ސަރަހައްދުން ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. އެ މައްސަލަ އިޓްލޮސް އިން ނިންމީ ރާއްޖެއިން މައްސަލަ ނިންމައިދިނުމަށް އެދުނު ގޮތަށެވެ.