ޓިކްޓޮކްއަކީ އެކި ގޮތްގޮތަށް އަހަރުމެންނަށް ބޭނުން ކުރެވިދާނެ ޕްލެޓްފޯމެކެވެ. ރަނގަޅު ކަންކަމާއި ގޯސް ކަންކަމަށެވެ. އެކަން ސާބިތު ކޮށްދީފައި މިވަނީ ޓިކްޓޮކްގައި މަޝްހޫރު ދިވެއްސެއް ކަމަށްވާ އާމިނަތު ސަމާ ޝަރީފް އެވެ.
ސަމާ ވަނީ އޭނާގެ ޓިކްޓޮކް ލައިވްއެއްގެ ތެރެއިން އެހީ ބޭނުންވާ ދިވެހި ކުޑަ ކުއްޖަކަށް 50،000 އަށްވުރެ ގިނަ ރުފިޔާ ހޯދައިދީފަ އެވެ.
މިދޔަ އާދީއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެ ލައިވްގައި ސަމާ އެހީވެފައިވަނީ ބޮލުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ އުމުރުން ތިން އަހަރުގެ ޔޫސުފް ހާމިދު މުހައްމަދަށެވެ.
ސަމާގެ ޓިކްޓޮކް ލައިވްގައި ޔޫސުފްގެ މައިންބަފައިން ވެސް ފެނިގެންދާއިރު ލައިވްގެ ފުރަތަމަ 30 މިނެޓު ތެރޭގައި ވެސް 30،000 ރުފިޔާ ލިބިފައިވެ އެވެ. އެ އަދަދު ސަމާ ވަނީ ލައިވްގެ ތެރެއިން ވަގުތުން ޔޫސުފްގެ ބައްޕައަށް ފޮނުވާފަ އެވެ.
ގަޑިއިރެއްހާއިރަށް ދެމިގެންދިޔަ އެ ލައިވްއިން ޔޫސުފްގެ ބޭސްފަރުވާއަށް ޖުމްލަ 56،000 ރުފޔާ އެއްކުރެވިފައިވާ ކަމަށް ސަމާ ބުނެ އެވެ.
ޔޫސުފްއަކީ އުފަންވީއްސުރެ ބޮލުގެ ބައްޔަކަށް ބޭސް ކުރަމުން އަންނަ ކުއްޖެކެވެ. ޔޫސުފް ބޮޑުވަމުން އަންނަ ވަރަކަށް އޭނާގެ ސިކުނޑީގައި ފެން ހެދެމުންދެ އެވެ.
ސަމާގެ މި އިސްނެގުމަށް ޓިކްޓޮކާއި އިންޓަނެޓް ބޭނުންކުރާ ގިނަ ފަރާތްތަކުން އަންނަނީ ތައުރީފް ކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގެ ހަގީގީ މަގްސަދަކީ މިއީ ކަމަށް ވެސް މީހުން އަންނަނީ ބުނަމުންނެވެ.