އަދާލަތު ޕާޓީން މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި ދާއިރާގެ ރައީސުންގެ އިންތިޚާބުގައި މައްޗަންގޮޅީ މެދު ދާއިރާގެ އިންތިޚާބާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުށައަޅާއިފި އެވެ.

މިދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި ކެންޑިޑޭޓެއް ކަމަށްވާ އިބްރާހިމް އަހުމަދު ވަނީ އަދާލަތު ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީއަށް މިކަންކަމާ ބެހޭ ޝަކުވާ ހުށަހަޅައި، އިންތިޚާބު އިންސާފުވެރިކަމާއެކު ބާއްވައި ދިނުމަށް އެދި ސިޓީއެއް ފޮނުވާފަ އެވެ. އޭނާ ވަނީ އެ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ބުނެފަ އެވެ.

އެ ސިޓީގައިވާ ގޮތުން އިންތިޚާބުގައި އިލެކްޓްރޯނިކް ވޯޓެއް ލާފައިވާއިރު މިއީ އަލަށް ޕާޓީގައި ތައާރަފުކުރި ނިޒާމަކަށް ވާތީ މިކަމަށް މެމްބަރުން އަހުލުވެރި ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވެ އެވެ. އަދި ވަންނަން ޖެހޭ ގިނަ މެމްބަރުންނަށް ލިންކު ނުލިބޭކަން ވެސް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން އިންތިޚާބުގައި ވޯޓު ލާންޖެހޭ އެތައް މެމްބަރުންނެއް ވޯޓުލުމުގެ ހައްގުން މަޙްރޫމް ވެފައިވެ އެވެ.

އީ ވޯޓިންގައި އަދާލަތު ޕާޓީން އެކުލަވާލި އުސޫލުގައި ބުނާ ފަދައިން މި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔައީ ރާއްޖެއިން ބޭރުގެ ކޮން ފަރާތަކުންކަމާއި އެ ކުންފުނީގެ ޕްރޮފައިލްއާއި އަދި އެކުންފުންޏާއި އަދާލަތު ޕާޓީއާ ދެމެދު އީ ވޯޓިން ކުރިއަށް ގެންދިއުމަށް ހަދާފައިވާ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް ވެސް ކެންޑިޑޭޓް އެދިފައިވެ އެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ 150 މީހުން ތިބިއިރު 8 މީހުން ވޯޓުލައިގެން ރައީސަކު އިންތިޚާބުވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި ހަމަ އެއާއެކު ވޯޓުލީ 8 މީހުންގެ ތެރެއިން ހަތް މީހުންގެ ވޯޓާއެކު ހޮވިފައިވަނީ މި އިންތިޚާބުގައި އީވޯޓިންގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވި ފަރާތްކަމުގައިވުމަކީ އަދުލުވެރި އިންތިޚާބެއް ކަމަށް ގަބޫލުކުރަން ދަތިވާ ސަބަބު ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ދާދި ފަހުން އަދާލަތު ޕާޓީގެ ބައެއް މެމްބަރުންވަނީ ދުސްތޫރަށް މައިގަނޑު ދެ ބަދަލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ މެންބަރުންގެ ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށްވެސް ހުށައަޅާފަ އެވެ. އެ ގޮތުން ޕާޓީގެ ރައީސް ކަމާއި ނާއިބު ރައީސް ކަމަށް ކުރިމަތިލެވޭނީ، ކުރިމަތިލުމާއި ހަމައަށް ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މެދުނުކެނޑި ދެ އަހަރު އުޅެމުން އަންނަ މީހަކަށް ކަމަށް ހަމަޖެއްސުމާއި އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތް ހެދުން ހިމެނެ އެވެ.

މި ޝަކުވާތައް ފެންމަތިވެފައި ވަނިކޮށް ޕާޓީގެ މިހާރުގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު ނުވަތަ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ހުށައަޅާފަ އެވެ. އެ ޕާޓީގެ އިސްސަފުގައި މަސައްކަތް ކުރައްވާ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެފައި ވަނީ ޕާޓީ މިހާރު ޑިމޮކްރެސީގެ ނިޒާމަށް އަހުލުވެރިވެ ފައްކާވަމުންދާ ކަމަށާއި ރައީސް ކަމަށްވެސް އަދި ނައިބު ރައީސް ކަމަށްވެސް އަންހެނުންނަށް ކުރިމަތިލެވެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އަންނަ ފެބްރުއަރީމަހުގެ ތެރޭގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.