އިޒްރޭލުގެ ސިފައިން ހަތިޔާރާއެކު ފަލަސްތީނުގެ ރާމަﷲ އަށް ވަދެގެންފި އެވެ.
އިޒްރޭލްގެ ޑިފެންސް ފޯހުން ބުނި ގޮތުގައި ސިފައިން ރާމަﷲ އަށް ވަނީ މިދިޔަ ނޮވެމްބަރު މަހު ޖެރޫސަލަމްގައި ބޮމެއް ގޮއްވާލި ފަލަސްތީނުގެ ޒުވާނާގެ ގެ ތަޅާލުމަށެވެ.
އިޒްރޭލްގެ ސިފައިން ރާމަﷲ އަށް ވަދެގަތް ވަގުތު ފަލަސްތީނު މީހުންނާ ހިނގި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ ބައެއް މީހުނަށް އަނިޔާވި ކަމަށް ފަލަސްތީނުގެ އިދާރާތަކުން ބުނެ އެވެ.
އިޒްރޭލުން ޓެރަރިސްޓެއް ކަމަށް ބުނާ އިސްމާއީލް ފާރޫގް އިޒްރޭލުގެ ސިފައިން ވަނީ މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކޮށްފަ އެވެ. މިދިޔަ ފެބްރުއަރީ މަހު އިޒްރޭލް ސިފައިން ވަނީ ފާރޫގްގެ ގެ ގޮއްވާލަން ނިންމަފައިވާކަން އިއުލަންކޮށްފަ އެވެ.
ނޮވެމްބަރު މަހުގެ ބޮމުގެ ހަމަލާގައި ޖެރޫސަލަމްގެ ދެ، ބަސް ސްޓޮޕެއްގައި އެއްފަހަރާ ދެ ބޮމް ގޮއްވާލުމުގެ ސަބަބުން އިޒްރޭލުގެ ދެ ރައްޔިތުން މަރުވެ އިތުރު ވިއްސަކަށް މީހުން ޒަޚަމްވި އެވެ. އެ ހަމަލާ ދިން ދުވަހުގެ ފަހު ދުވަހު އިޒްރޭލްގެ ސިފައިން ވަނީ ހަމަލާ ދިނީ ފާރޫގްކަން ފާހަގަކޮށްފަ އެވެ.
ސިފައިން ބުނި ގޮތުގައި އެ ހަމަލާ ރޭވުމަށް ފާރޫގް މައުލޫމާތު ހޯދާފައި ވަނީ އައިއެސް ޖަމާއަތާ ގުޅުން ހުރި ފަރާތްތަކުންނެވެ. ބޮން ގޮއްވާލުމަށްފަހު ފާރޫގު ވަނީ އެ ޖަމާއަތުގެ ޓެލެގްރާމް ޗެނަލަކަށް މެސެޖެއް ފޮނުވައި ހަމަލާގެ ޒިންމާ ނަގައިފަ އެވެ.
އިޒްރޭލަށް ހަމަލާދޭ ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ތަޅާލުމަކީ އިޒުރޭލުން އާންމުކޮށް ކުރާ ކަމެކެވެ.