މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން ގެންދާ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެމްއެމްސީއިން ބުނީ އެ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އޯގަސްޓް މަހުގެ އެގާރަ ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މިއަހަރުވެސް 12 ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތަކަކީ ނޫސްމަޖައްލާ ކެޓަގަރީއާއި ބްރޯޑްކާސްޓިންގ ކެޓަގަރީ އެވެ. އަދި އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ ތަހްގީގީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ، ވިޔަފާރިއާއި އިގުތިސާދު، ކުޅިވަރު، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާރނަލިޒަމް، ގްރެފިކްސް އާއި އިލެސްޓްރޭޝަންސް، ފީޗާ، އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އެވެ.

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު މެދުވެރިކޮށް ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.

މި އިނާމަށް ކުރިމަތިލާ ނޫސްވެރިންނަކީ ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއްގައި ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ދެމެދު މަދުވެގެން 9 މަސް ދުވަހު މަސައްކަތްކޮށްފައިވާ ނޫސްވެރިއަކަށް ވާން ޖެހެ އެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ މަގުސަދަކީ މީޑިއާގައި ހަރަކާތްތެރިވާ މީހުން ތަބާވާން ޖެހޭ ހަމަތަކާއި އަހުލާގީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރުގައި މަސައްކަތް ކުރާ ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް ނޫސްވެރިންނަށް ހިތްވަރު ދިނުން ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.