ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމްގެ ކުރީގެ ކޯޗް މުޙައްމަދު އާސިފް އަމީން ޚާންގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކަުގެ ތެރެއިން ހަތް ދައުވާ ސާބިތުވެ 53 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

ޕާކިސްތާނަށް އުފަން، ދެކުނު އެފްރިކާގެ އާސިފް ޚާން ކޯޗުކަން ކޮށްދީފައިވާ 18 އަހަރުން ދަށުގެ އަދި 18 އަހަރުން މަތީގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އޭނާ ފުރަތަމަ ހައްޔަރު ކުރީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އޭނާ އޮންނަނީ ޖަލުގަ އެވެ.

ދައުލަތުން އޭނާގެ މައްޗަށް ނުވަ ދައުވާ އުފުލިޔަސް ސާބިތުވީ ހަތް ދައުވާ އެވެ.

ސާބިތުވި ދައުވާތަކަކީ ޖިންސީ ގޯނާ ކުރުމުގެ ތިން ދައުވާ އާއި ކުޑަކުއްޖަކު އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އާއި ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑި ހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ އާއި ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ދައުވާ އެވެ.

އެ ދައުވާތައް ސާބިތުވެ ޖުމްލަ 53 އަހަރާއި ދެ މަހާއި ހަތް ދުވަހަގެ ޖަލު ހުކުމެއް އޭނާ އަށް މިއަދު އިއްވާފައިވެ އެވެ. ޖިންސީ ގޯނާކުރުމުގެ ތިން ދައުވާ ސާބިތުވުމުން އިއްވި 21 އަހަރުގެ ޖަލު ހުކުމެކެވެ. ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއަށް ސާބިތުވުމުން އިއްވީ 32 އަހަރުގެ ޖަލު ހުކުމެކެވެ. ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއަށް އިއްވި އެއް ހަމާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ދައުވާ ސާބިތުވުމުން އިއްވީ 22 ދުވަހުގެ ޖަލު ހުކުމެކެވެ.

ރާއްޖޭގެ އަންހެން އަދި ފިރިހެން ކްރިކެޓްގެ ޓީމުގެ ކޯޗުގެ މަގާމަށް އޭނާ އައްޔަނުކުރީ 2018 ވަނަ އަހަރު އެވެ.