ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 21 އަހަރުގެ މީހެއް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 21 އަހަރުގެ އިތުރު މީހެއްގެ ބަންދަށް 30 ދުވަސްދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 21 އަހަރުގެ މި މިހާ ހައްޔަރުކުރީ މާލެއިންނެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ތިން މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ 21 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެ ތެރެއިން 23 އަހަރުގެ މީހާ ހައްޔަރު ކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ވެސް ފެނިފައިވާކަން ވަނީ އެނގިފަ އެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.