ދަރިއަކު ހޯދަން މަސައްކަތް ކުރުމަކީ ހަޔާތަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެކެވެ. ދަރިއަކު ލިބުމުން ދިރިއުޅުމަށް އަންނަ ބަދަލުތަކާ އެއްވަރަށް ދަރިއަކު ހޯދަން މަސައްކަތު ކުރާއިރު ވެސް ދިރިއުޅުމަށް ބަދަލުތައް ގެނެސް ސަމާލުވާން ޖެހެ އެވެ.

މައްސަރު ކަންތަކަށް ސަމާލުވުން

ބަރުދަން އިތުރުވުމާއި ބަރުދަން ލުއިވުމުގެ އިތުރުންވެސް ގަވާއިދުން މައްސަރުކަންތައް ޖެހުމަށް ހުރަސް އަޅާ އެހެން ކަންކަން ހުރެއެވެ. މީގެ ތެރޭގައި ޕޮލިސިސްޓިކް އޮވަރިއަން ސިންޑްރޮމް، ބިސް ދަތުރުކުރާ ހޮޅީގެ ބަލިތައް، ތައިރޮއިޑް ބަލިތްައް ހިމެނެ އެވެ. މިއިން ކަމެއް ދިމާވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

ވެކްސިން ފުރިހަމަ ކުރުން

މާބަނޑުވުމަށް މަސައްކަތް ކުރާނަމަ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ކޮންމެހެން ބޭނުން ވެކްސިންތައް ފުރިހަމަ ކުރަންވާނެ އެވެ. ފާނަބަސަންދު، އެމް.އެމް.އާރު ފަދަ ވެކްސިނަކީ މާބނޑު ދުވަސްވަރު ޖެހުން ރައްކާތެރި ވެކްސިންތަކެއް ނޫނެވެ. އަދި މޫސުމީ ރޯގާތަކަށް ޖަހާ ވެކްސިން އާއި ޓެޓްނަސް، ޑިޕްތީރިޔާ އަދި ޕަރޓުސިސް ވެކްސިންވެސް ފުރިހަމަ ކުރުން މުހިންމެވެ.

ސްޓްރެސް ކުޑަ ކުރުން

ފިކުރުބޮޑުވެ ހާސްކަމުގައި އުޅެނިކޮށް މައްސަރުކަންތައް ގަވާއިދުން ކައްސާލައިގެން ދިއުން ގާތެވެ. އެހެން ވެއްޖެނަމަ އޭގެ މާނައަކީ ފިކުރުކުރުމުގެ ސަބަބުން މައްސަރު ކަންތަކަށް އަސަރު ކުރުމެވެ. މީގެ ސަބަބުން ބަލިވެ އިންނަމަވެސް ދަރިފުޅު ބައިގެން ދިއުމުގެ ފުރުސަތު ބޮޑުވެ އެވެ.

މިންހަމަ ކެއުމެއް ކެއުން

ބަލިވެ އިނދެ ސިއްޙަތު ރަނގަޅު ކުއްޖަކު ވިހާ މައިމީހާގެ ސިއްޙަތު ރަނގަޅަށް ބެހެއްޓުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރާ ކަމަކީ މޭވާ، ތަރުކާރީ ގޮވާން އަދި ފަތުގެ ބާވަތްތަކެވެ. މިކަމަށް ސަމާލުކަން ދިނުމާއެކު ހިބަރު މަސް، މިޔަރު މަސް، ރަގަޅަށް ރޯ ނުފިލުވާ ހުންނަ ބިސް، ނުކައްކާ ހުންނަ އެއްގަމު އަދި ކަނޑުމަހުގެ ބާވަތްތައް ކެއުމުން ދުރުހެލިވާން ޖެހޭނެ އެވެ.

ކެފެއިން މަދުކުރުން

މާގިނައިން ކެފެއިން ބޭނުން ކުރާނަމަ ދަރިމައިވުމުގައި މައްސަލަ ޖެހުން ގާތެވެ. އެހެންކަމުން މި ދުވަސްވަރު ދުވާލަކު ދެތަށި ކޮފީއަށްވުރެ އިތުރަށް ބޭނުން ނުކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ. މީގެ އިތުރުންވެސް ކަޅުސައި، ޗޮކްލެޓް، ސޮޑާ ފަދަ ބައެއް އެހެން ކާތަކެތީގައިވެސް ކެފެއިން އެކުލެވިގެންވާތީއެ ބާވަތްތަކުން ވެސް ދުރުވާން ޖެހެ އެވެ.