ޝާހް ރުކް ޚާން އަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފިލްމީ ތަރިއެވެ. އޭނާއަށް ސަޕޯޓުކުރާ އެތައް ހާސް ސަޕޯޓަރުންނެއް އުޅޭއިރު ޝާހުއަށްޓަކައި އެމީހުން ކޮންމެ ކަމެއް ވެސް ކުރަން ތިބެނީ ތައްޔާރަށެވެ.

އެގޮތުން މި ޖޫން މަހުގެ 10 ވަނަ ދުވަހު ޝާހުގެ ސަޕޯޓަރުން މިވަނީ އަނެއްކާ ވެސް މުޅިން ތަފާތު ކަމެއް ކޮށްދީފަ އެވެ. ޝާހުގެ ނަން މައްޗަށް ދުނިޔޭގެ ރެކޯޑެއް ހޯދައިދީފަ އެވެ.

ހޮނިހިރު ދުވަހު ޝާހުގެ ސަޕޯޓަރުން ވަނީ އޭނާ ދިރިއުޅޭ ގެ މަންނަތު ކައިރިއަށް އެއްވެ އޭނާގެ މަޝްހޫރު "ޕޯސް" އެއްފަހަރާ އެއް ވަގުތެއްގައި ކޮށްފަ އެވެ.

އެއާއެކު ޝާހްރުކް ޚާން ޕޯސް" އެއްފަހަރާ އެންމެ ގިނަ މީހުން ކުރި ރެކޯޑު ވަނީ އޭނާއަށް ލިބިފަ އެވެ. ހަބަރުތައް ބުނާ ގޮތުގައި މި ހަރަކާތުގައި ލައްކައިން މީހުން ބައިވެރިވި އެވެ.

މި ހަރަކާތުގައި ޚުދު ޝާހްރުކް ޚާން ވެސް ވަނީ ބައިވެރިވެފަ އެވެ. އޭނާ ވަނީ މަންނަތުގެ ބެލްކަންޏަށް ނުކުމެ ސަޕޯޓަރުންނާއެކު އޭނާގެ ޕޯސް ކޮށްފަ އެވެ.

ޝާހުގެ ސަޕޯޓަރުން މި ހަރަކާތް ރާވާފައިވަނީ ޝާހުގެ ބްލޮކްބަސްޓާ ފިލްމް ޕަތާންގެ ޓީވީ ޕްރިމިއާއާ ގުޅުވައިގެންނެވެ. ދީޕިކާ ޕަދުކޯންއާއެކު ޝާހު ފެނިގެންދާ ޕަތާންއަކީ މެގަ ބްލޮކްބަސްޓާ އެކެވެ.