ހުޅުމާލޭގައި ކޮރެއާގެ ހަންބޯ ކުންފުނިން ހަދަމުން އަންނަ ކޭޕާކް ރެސިޑެންސްގެ އެޖެންޓްގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.

ކޭޕާކް ރެސިޑެންސްގެ މައްސަލައާއި ގުޅިގެން ހަންބޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން އެ ކުންފުނީގެ އަނެއް ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މުއާމަލާތްކޮށްފައިވާ ކަމަށާއި އޭގެ ބޭންކު ސްޓޭޓްމަންޓްތައް ދޭން ބީއެމްއެލްގައި އެދުމުން އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ. އަދި ބީއެމްއެލްއިން އެކައުންޓުތައް ހުޅުވުމުގައި އަމަލުކޮށްފައި ވަނީ ޒިންމާދާރު ކަމެއް ނެތި ކަމަށް ވެސް ހަންބޯއިން ތުހުމަތުކުރެ އެވެ.

ހަންބޯއިން ބުނީ ބޭންކްގެ ސަމާލުކަމަށް އެކައުންޓްތަކުގެ މައްސަލަ އޭފްރީލް 27 ގައި ގެނައި ކަމަށާއި އެ ކަން ބޭންކްގެ ސަމާލުކަމަށް ގެނައި ފަހުން ވެސް މަމްދޫހަށް އެކައުންޓްތަކަށް އެކްސެސްވެވޭ ކަމަށެވެ.

ހަންބޯއިން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ އެކައުންޓްތަކުގެ ބޭންކް ސްޓޭޓްމެންޓް ހޯދުމަށާއި އެކައުންޓްތައް ހުޅުވުމަށް މަމްދޫހުގެ ފަރާތުން ބީއެމްއެލް އަށް ހުށަހެޅި ލިޔެކިޔުންތަކުގެ ކޮޕީ ހޯދުމަށް ކޯޓު އަމުރެއް ނެރެދިނުމަށެވެ.

ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށް ހަންބޯ ޓެކް ކޮރެއާ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 9، 2016 ގަ އެވެ.

ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ.

އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުންތަކަށެވެ.

ކޭ- ޕާކް ނިންމައި، ކަސްޓަމަރުންނަށް ތަން ހަވާލުކުރުމަށް މިހާތަނަށް އެކި ފަހަރު އެކި ތާރީހުތައް ދީފައިވެ އެވެ.