ބައިބައިވުން އުފެދިދާނެ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަކީ، ދިވެހި ސިފައިންވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމެއްކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތު އޮތީ ރޭ ކަޅުތުއްކަލާކޮށީގަ އެވެ.

މިރަސްމިއްޔާތުގައި ސިފައިންނާއި މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން ފަރުދީ ހައިސިއްޔަތުން ވެސް، ސިފައިންގެ ކޮންމެ މީހެއްގެ ވެސް އެންމެ އިސް ވާޖިބަކަށް ހަދަންވީ، ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސިފައިންނަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމުގައި ދެމިތިބި ބައެއް ކަމަށެވެ. އަދި މިޒަމާނުގައި، އަޅުވެތިކަމުން ސަލާމަތްވެ ތިބުމަށް އޮތް އެންމެ ކަށަވަރު ފަރުވާއަކީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލުހަ ކަމަށާއި، އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުން އަންނަނީ ގައުމުތަކާއި އެކު ގުޅުންތައް ދަމަހައްޓައިގެން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ސިފައިންގެ ޚިދުމަތަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، އިލްމީ ގޮތުން ގާބިލު އަދި އަސްކަރީ ހުނަރުވެރިކަމުގައި އެންމެ މަތީ ފަންތީގައި ގުނައިލެވޭނެ ސިފައިން ދިވެހި އަސްކަރިއްޔާގައި މިހާރު އެބަތިބި ކަމަށެވެ.

މީގެ އިތުރުން ދިވެހިންގެ ދިފާޢުގައި އަދި ދިވެހި ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައި، ދިވެހި ސިފައިން، އެއްގަމާ ކަނޑާ ވައިގެމަގުން ކުރަމުން އަންނަ މަސައްކަތްތަކާއި މަދަނީގޮތުން ކުރަމުން އަންނަ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ދިވެހި ސިފައިންގެ ބޯހިޔާވަހިކަމަށާއި މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސިފަންނަށް ހުޅުމާލެ ފޭސް ދެ ގައި ވެސް، 138 ޔުނިޓްގެ ފްލެޓް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކަޅުތުއްކަލާ ކޮށީގައި ވެސް، ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް މިއަހަރު ބީލަމަށް ލެވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މުސާރައަށް ވެސް، ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.

ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ގެ ވާހަކަފުޅުގައި، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހި ޢަސްކަރިއްޔާގެ ތަރައްގީއަށްޓަކައި ކުރި ގިނަ މަސައްކަތްތަކުން، ދިވެހި ސިފައިންގެ ގާބިލުކަން މީގެ ކުރިން އިތުރުކުރެވިފައި ނުވާހާ މަތީ މިންވަރަކަށް މިހާރުވަނީ އިތުރުކުރެވިފައި ކަމަށް ވިދާޅުވި އެވެ. އަދި މީގެ އިތުރުން ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް، އެޑްވާންސް ވެޕަން ފަޔަރިންގ ސިމިއުލޭޓަރ ހޯދުމާއި، އެންޓި-ޑްރޯން ސިސްޓަމްތައް ހޯދުން ހިމެނޭ ކަމަށާއި، ކޯސްޓްގާޑުގެ ހިދުމަތްތަކާއި، ސިފައިންގެ ފަޔަރ އެންޑް ރެސްކިޔޫގެ ޚިދުމަތްތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ނިންމަވާފައިވާ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

ރޭގެ މިރަސްމިއްޔާތުގައި ރައީސް ވަނީ، ނަމޫނާ ޢަސްކަރީ އިސް ހިދުމަތްތެރިންގެ މަތިވެރި މެޑެލް ހާސިލް ކުރެއްވި، ހަތަރު ރިޓަޔަޑް ޖެނެރަލުންނަށާއި، އެހެނިހެން މެޑަލްތައް ޙާޞިލްކުރެއްވި ސިފައިންނަށް މެޑެލް ހަވާލުކޮށްދެއްވައި، އަދި ސިފައިންގެއަށް ރީތިނަން ހޯދައިދީފައިވާ ސިފައިންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވައި، އެހުރިހާ ފަރާތްތަކަށްވެސް މަރުހަބާއާ ތަހުނިޔާ ވިދާޅުވެފަ އެވެ.

ދިވެހި ސިފައިންގެ ހިދުމަތް ރަސްމީގޮތުން ފެށިފައި ވަނީ، އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ރަސްކަމުގައި، މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 21 ވަނަ ދުވަހުގަ އެވެ.