ރައީސް ސޯލިހުގެ ވެރިކަން ބަދަލުކުރަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއިއެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ އީވާ މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމުންނާއި މެމްބަރުކަމުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިވުމަކީ އެމްޑީޕީގެ ނިމުންކަމަށެވެ. އީވާ ވިދާޅުވީ ނަޝީދަށް ކުރިއަށް އޮތީ މާ ފާގަތި މާދަމާއެއް ކަމީ އޭނާގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ. އީވާ ވިދާޅުވި ގޮތުގައި އިއްޔެ ސާފުވީ ނަޝީދު ދިވެހި ރައްޔިތުންނަށް ކުރައްވަން އޮތް މަސައްކަތާއި ހިދުމަތް ހުއްޓިފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ހަމައިން ނޫން ކަމެވެ.

އީވާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިވެރިކަން ބަލި ކުރުމަށް ކޯލިޝަން ހަދަންޖެހުނު ކޮންމެ ބަޔަކާއި، ކޮންމެ މީހަކާއި ކޯލިޝަން ހަދާނެކަމަށެވެ. އެއީ ޕީޕީއެމް ޕީއެންސީ ކަމަށްވާނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް އީވާ ވިދާޅުވި އެވެ.

"އެއްވަނަ ބުރު ދެވަނަ ބުރު ކިޔާނެ ކަމެއްނެތް. މިވަރަށް ބަލިވާ އަތަށް އަޅާލީމާ ފައިސާ ބަހަންދޭ މީހުންވެސް އެފައިސާ ނުބަހާނެ. އެފައިސާ ބަހާދޭ މީހުން ބަޗާނެ. ރައީސް ސޯލިހުވެސް ބަޗާނެ. މަގުމަތިވާނީ ފަހަތުން އުޅުއްވާ ބޭފުޅުން. ރައީސް ސޯލިހު އިންނަވާނީ ކޮޅުބުގެ ކޮންމެވެސް ގެއެއްގައި ފައިސާ ފޮއްޗަކާއިއެކު." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ އަންނަ އަހަރުގެ މި ދުވަސްކޮޅާ ހަމައަށް އަންނަ އިރު އެމްޑީޕީ އޮންނާނެ ކަމަށް ލަފާ ކުރެވެނީ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައި ކަމަށެވެ.