ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދައުވަތު ދެއްވައިފި އެވެ.

ފައްޔާޒު ޖާބިރަށް މިދައުވަތު ދެއްވީ މިއަދުގެ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ނައިބުރައީސް އީވާ ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.

މިއަދުގެ ޖަލްސާގައި އިވާ އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމުން އެ ޕާޓީ ނިމިއްޖެ ކަމަށެވެ. އަދި އީވާ ވަނީ މުސްތަގުބަލުގައި އެމްޑީޕީ އޮންނާނެ ނިކަމެތި ހާލަތު ސިފަކުރައްވަމުން އަންނަ އަހަރުގެ މި ދުވަހުގައި އެމްޑީޕީގެ ޗެއާމަނުގެ ގޮތުގައި ޖާބިރު ހުންނެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް ނޭނގޭ ބައްލަވައިގަންނަވާނީ ހިލޭ ކަމެއް ނުވަތަ ކޮންމެ ވެސް ވަރެއްގެ ފައިސާ ފޮއްޗަކަށް ކަމެއް. އެކަމަކު، އަޅުގަނޑަށް އެނގޭ އެއްޗަކީ ޑީއާރުޕީ އަށް ވީހެން އަންނަ އަހަރު މި ދުވަހު އެމްޑީޕީގެ ވެރިއަކަށް ހުންނަވާނީ އަބްދުﷲ ޖާބިރު ކަން،" އީވާ ވިދާޅުވި އެވެ.

އީވާގެ މިވާހަކަތަކަށް ރައްދު ދެއްވާ މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމްޑީޕީން އެ ޕާޓީއާއި ގުޅެންހުރި ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ކޮންމެ ރަށެއްގެ، ކޮންމެ އާއިލާއަކުން އައި މީހެއް ނަމަވެސް އޭނާއަށް އެންމެ މަތީ މަގާމާއި ހަމައަށް ވާސިލްކޮށްދިނުމަށް އެމްޑީޕީއިން މަސައްކަތް ކުރާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު އިލްތިމާސް ކުރަން އަދި ދައުވަތު ދެން މެމްބަރު ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް. އެމްޑީޕީގެ ޒުވާނުން އޮތީ ޗެއާމަން އަބްދުﷲ ޖާބިރާ އެކު،" ފައްޔާޒުގެ ޓްވީޓްގައި ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ނަޝީދު ކުރައްވަން އޮތް މަސައްކަތް އެމްޑީޕީއާ ހިސާބުން ނުނިމޭ ކަމަށާއި އެއީ ލިބިވަޑައިގަންނަވާ ހިތްވަރެއް ކަމަށެވެ. އީވާ ވަނީ މިޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އެމްޑީޕީގައި ތިއްބެވި މަޖިލިސް މެމްބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. އެއާ އެކު، އެމްޑީޕީން ވަނީ 12 މެމްބަރަކު ވަކިވެވަޑައިގެންފަ އެވެ.