ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.
ޖާބިރު އެމްޑީޕީއަށް ސޮއިކުރައްވާ ފޯމް ހަވާލުކޮށްފައި ވަނީ މިއަދު ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޖާބިރުގެ ފޯމާ ހަވާލުވެފައިވަނީ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
އޭނާ ސޮއިކުރެއްވުމާ އެކު މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 54 އަށް އެރީ އެވެ.
ޖާބިރު އެމްޑީޕީއާ މި ގުޅިވަޑައިގަތީ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ޑިއާރުޕީ އުވާލުމުން ގްރީން ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތުގައި އުޅުއްވުމަށް ފަހު އެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ ޖާބިރަށް ދީފައި ވިޔަސް ރަޖިސްޓްރީކުރަން ހުށަނާޅުއްވަ އެވެ.
އެމްޑީޕީއާ ޖާބިރު ގުޅިވަޑައިގަތުމުގެ ދައުވަތު މި ފަހުން ދެއްވީ އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.
އެ ޕާޓީން ވަކިވެ ޑިމޮކްރެޓްސް އުފައްދަވާ މެމްބަރުންގެ ފާޑުވިދާޅުވުމުގެ ތެރެއިން އެމްޑީޕީ ދެން ހިންގަވާނީ ޖާބިރު ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެފައިވެ އެވެ.
ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތް އިރު، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ތިއްބެވި މަޖިލީހުގެ 12 މެމްބަރަކު އެމްޑީޕީން ވަކިވެވަޑައިގެންފައިވެ އެވެ. އަދި އެ ބޭފުޅުން މިހާރު ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީކުރަން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފަ އެވެ.
މަޖިލިސް މެމްބަރުންތަކެއް މެމްބަރަކު އެމްޑީޕީން ވަކިވެވަޑައުގަތުމާ ގުޅިގެން އެމްޑީޕީ އަށް ވަނީ މަޖިލީހުގެ ސުޕަ މަޖޯރިޓީ ގެއްލިފަ އެވެ. ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ މި މަހުގެ 21 ގަ އެވެ.