މިއަދަކީ މިއަހަރުގެ ހައްޖު ދުވަހެވެ. ހައްޖުގެ އެންމެ މުހިއްމު އެއް ރުކުން ކަމުގައިވާ އަރަފާތު ބިމުގައި ހައްޖާޖީން ވަގުތު ހޭދަކުރާ ދުވަހެވެ.

ހައްޖު ދުވަހުގެ ދަރުމައިގެ ވާހަކަ އެތައް ފަހަރެއްގެ މަތިން އަހަރުމެންގެ ދީނުގައި އަންގަވާފައިވެ އެވެ. އެއީ ހައްޖުގެ އަޅުކަމުގެ ނަސީބު މިއަހަރު ލިބިފައި ނުވާ މުސްލިމުންނަށް ވެސްމެ އެެވެ. މި ލިޔުމުގައި މި ބަލާލަނީ ހައްޖު ދުވަހުގެ ދަރުމައާއި ތަވާބު ހޯދުމަށްޓަކައި ހައްޖަށް ނުދާ މީހުންނަށް މިއަދު ކުރެވޭނެ ބައެއް ކަންކަމަށެވެ.

ރޯދަ ހިފުން

ހައްޖަށް ނުދާ މުސްލިމުން ވެސް ހައްޖު ދުވަހު ރޯދަ ހިފުމަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ހުރިހާ ފާފަތައް ފުއްސެވޭނެ ކަމެއް ކަމުގައި ހަދީޘުން ވާރިދު ވެފައިވެ އެވެ.

މާތް ﷲއަށް ޛިކުރު ކުރުން

ހައްޖު ދުވަހު ހައްޖުވެރިން އަރަފާތު ބިމުގައި ތިބޭ ވަގުތު ހައްޖަށް ނުދާ މުސްލިމުން ވެސް މާތް ﷲއަށް ޛިކުރު ކުރުން މަތީ ދެމިހުރުމަކީ އެކަމުގެ ތަވާބާއި ދަރުމަ އެތައް ގުނައެއް އިތުރުވާ ކަމެކެވެ.

ކީރިތި ގުރުއާން ތިލާވަތު ކުރުން

މި މާތް ދުވަހު ކީރިތި ގުރުއާނާއެކު ހޭދަކުރާ ވަގުުތު ގިނަ ކުރާށެވެ. ގުރުއާން ކިޔެވުމާއި ގުރުއާނުގެ މާނަ ދެނެގަތުމުގައި ވަގުމު ހޭދަކުރުމަކީ މި ހައްޖު ދުވަހު އަަހަރުމެން ކުރުން އެންމެ މޮޅު އިތުރު އެއްކަމެވެ.

ސަދާގަތް ކުރުން

ހައްޖު ދުވަހަކީ މާތް ކުރައްވާފައިވާ ދުވަހަކަށްވާއިރު އެ ދުވަހު ކުރާ ހެޔޮ އަމަލުތަކުގެ ޘަވާބު ވެސް އެތައް ގުނައެއް އިތުރު ކުރެވިގެންވެ އެވެ. އެހެން ކަމުން މި ހައްޖު ދުވަހު ނިކަމެތިންނާއި މިސްކީނުންނަށް ސަދަގާތް ކުރާށެވެ. އީދުގެ އުފަލުގައި އެ މީހުން ބައިވެރި ކުރާށެވެ.