ހިޖްރީ ގޮތުން މި ހިނގާ 1444 ވަނަ އަހަރަކީ އިސްލާމީ ތާރީހުގައި ވެސް އެންމެ ގިނަ މުސްލިމުން އެއްފަހަރާ ހައްޖުގެ އަޅުކަން އަދާކުރާ އަހަރު ކަމަށް ސައޫދީ އަރަބިއާގެ ކަމާ ބެހޭ އިދާރާއިން ބުނެފި އެވެ.

އެގައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ އޮފިޝަލަކު ވިދާޅުވީ މި އަހަރު 2.5 މިލިއަނަށްވުރެ ގިނަ މުސްލިމުން ހައްޖުގެ އަޅުކަން އަދާކުރަމުން އަންނަ ކަމަށެވެ.

އެވްރެޖް ގޮތެއްގައި ކޮންމެ އަހަރަކު ވެސް ދެ މިލިއަނެއްހާ މުސްލިމުން ހައްޖުގެ އަޅުކަން އަދާ ކުރާއިރު މިއަހަރުގެ އަދަދަކީ ރެކޯޑު އަދަދެކެވެ.

ހައްޖުގެ އަޅުކަމުގައި މިހާތަނަށް އެންމެ މަދުން މީހުން ބައިވެރިވީ 2020 ވަނަ އަހަރު އެވެ. ކޮވިޑް 19 ޕެންޑަމިކްގެ ސަބަބުން ހިފެހެއްޓުންތަކަކާއެކު ކުރިއަށް ދިޔަ އެ ހައްޖުގައި ބައިވެރިވީ އެންމެ 10،000 މީހުންނެވެ.

އޭގެ ޖެހިގެން އައި އަހަރު 59000 މުސްލިމުން ހައްޖުގެ އަޅުކަން އަދާކުރިއިރު 2022 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރީ އެއް މިލިއަން މުސްލިމުންނެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން ފަށައިގެން ކުރިއަށްދާއިރު މިހާރު ހައްޖުވެރިން ތިބީ އަރަފާތު ބިމުގަ އެވެ. މިއީ ހައްޖުގެ އެއް ރުކުނެވެ.

މިއަހަރުގެ ހައްޖަށް ސައޫދީ އަރަބިއާއިން ގިނަ ތައްޔާރީތަކެއް ވެފައިވާއިރު މިއީ އެންމެ އިންތިޒާމުތައް ވެސް ރަނގަޅު އެއް އަހަރު ކަމަށް ބުނެވެ އެވެ.