1444 ވަނަ އަހަރުގެ ހައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީވުމަށްޓަކައި ރެޑް ކްރެސެންޓްގެ 2300 އަށްވުރެ ގިނަ ވޮލަންޓިއަރުން ހަރަކާތްތެރިވާނެ ކަމަށް އެ ޖަމާއަތުން ބުނެފި އެެވެ.

ސައޫދީ އަރަބިއާގެ ރެޑް ކްރެސެންޓުން ބުނީ ހައްޖުވެރިންނަށް ކުއްލި އެހީ ބޭނުން ވެއްޖެ ހާލަތެއްގައި އެ ޖަމާއަތުގެ ވޮލަންޓިއަރުން އެހީވެދޭނެ ކަމަށެވެ.

އެ ޖަމާއަތުން އިތުރަށް ބުނީ 2200 އަށްވުރެ ގިނަ ސިއްހީ އޮފިޝަލުން ހަރަމްފުޅާއި އަރަފާތު ބިމުގައި ހަރަކާތްތެރިވާނެ ކަމަށާއި އޭގެ އިތުރުން 240 އެއްހާ އެއްގަމު އަދި ވައިގެ އެމްބިއުލާންސް ވެސް ހަރަކާތްތެރިވާނެ ކަމަށެވެ.

މައްކާގެ އިތުރުން މަދީނާގެ މަސްޖިދުލް ނަބަވީގައި ވެސް 700 އަށްވުރެ ގިނަ ވޮލަންޓިއަރުން ހަރަކާތްތެރިވާނެ ކަމަށް ރެޑް ކްރެސެންޓުން ބުނެ އެވެ.

ރެޑް ކްރެސެންޓުން ބުނާ ގޮތުގައި މި އަހަރަކީ އެ ޖަމާއަތުގެ އެންމެ ގިނަ ހިދުމަތްތެރިން ހަރަކާތްތެރިވާ އަހަރެވެ. އެގޮތުން އެ ޖަމާއަތުގެ ވޮލަންޓިއަރުންނާއި މުވައްޒަފުން ހިމެނޭހެން 8000 އަށްވުރެ ގިނަ ޚިދުމަތްތެރިން ހަރަކާތްތެރިވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.