ހައްޖުގެ އަޅުކަން އަދާކުރަން އެހެން ގައުމުތަކުން ސައޫދީ އަރަބިއާއަށް އަންނަ މުސްލިމުން އެ އަޅުކަމަށް ކުރަން ޖެހޭ ހަރަދު 39 ޕަސެންޓް ކުޑަވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ސައޫދީ އަރަބިއާގެ މިނސްޓަ އޮފް ހައްޖު އެންޑް އުމްރާ ތައުފީގު އަލް ރާބިއާ ވިދާޅުވީ އެހެން ގައުމުތަކުގެ މުސްލިމުންނަށް ކުރިއާ އަޅާބަލާއިރު ހައްޖު ވުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެފައިވާ ކަމަށެވެ.

އެގޮތުން އެގައުމުގެ 37 އޭޖެންސީއަކުން ހައްޖުގެ ހިދުމަތްތައް ދޭއިރު މިއީ އެހެން ގައުމުތަކުގެ މުސްލިމުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

އޭގެ އިތުރުން ހައްޖު މޫސުމާ ދިމާކޮށް އެއާލައިންތަކުން ސައޫދީ އަރަބިއާއަށް އިތުރު ފްލައިޓުތައް އަޅައި ހޮަޓަލުތަކުން ވެސް ހާއްސަ ޑިސްކައުންޓްތަކެއް ދޭ ކަން ތައުފީގު ފާހަގަ ކުރެއްވި އެވެ.

މި ހުރިހާ ކަންކަމަކާއެކު ހައްޖުވުމުގެ ހަރަދުތައް ބޮޑުތަނުން ކުޑަވެ ދުނިޔޭގެ ގިނަ މުސްލިމުންނަށް ހައްޖުވުމުގެ ފުރުސަތު މިހާރު ލިބިދީފައިވާ ކަމަަށް ވެސް ތައުފީގު ވިދާޅުވި އެވެ.

އެހެން ގައުމުތަކުން ސައޫދީއަށް ހައްޖުވާން އަންނަ މުސްލިމުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި އެގައުމުގެ ސަރުކާރުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތް ތަކުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.