ރަސްމީ ހުއްދައެއް ނެތި ހައްޖާޖީން އެއްތަނުން އަނެއް ތަނަށް ގެންދާ މީހުންނަށް މަދުވެގެން ހަމަސް ދުވަހުގެ ޖަލު ހުކުމަކާއެކު 50،000 ރިޔާލުގެ ޖޫރިމަނާއެއް ކުރެވޭނެ ކަމަށް ސައޫދީ އަރަބިއާގެ ސަރުކާރުން ބުނެފި އެވެ.

އެގައުމުގެ ހައްޖާ ބެހޭ އިދާރާއިން ބުނީ ހައްޖުގެ އަޅުކަމާ ގުޅުންހުރި އެއްވެސް ހިދުމަތެއް ދެވޭނީ ސަރުކާރުގެ ހާއްސަ ހުއްދައެއް އޮންނަ ފަރާތްތަކަށް އެކަނި ކަމަށާއި ހުއްދައާ ނުލާ އެ ފަދަ ހިދުމަތެއް ދޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެގޮތުން އެ ފަރާތްތަކަށް 50،000 ރިއާލްގެ ޖޫރިމަނާއެއް ކުރިމަތިވާއިރު އެއީ ޑޮލަރުން ބަލާނަމަ 13،332 ޑޮލަރެވެ. މި ޖޫރިމަނާ ގާނޫނާ ޚިލާފުވި މިންވަރަށް ބަލައި އިތުރު ކުރެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

ހުއްދަ ނެތި ހައްޖުގެ ދަތުރުފަތުރު ފޯރުކޮށްދޭނަމަ އެ ވެހިކަލްއެއްގެ ހުއްދަ ބާތިލް ކުރެވޭނެ ކަމަށާއި އެ މީހަކީ އެހެން ގައުމެއްގެ މީހަކަށް ވާނަމަ އެ މީހަކު ޑީޕޯޓު ކޮށް ސައޫދީއަށް ނުވަދެވޭނެ ގޮތް ވެސް ހެދޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ހުއްދަ ނެތް ސައޫދީ އަރަބިއާގެ ރައްޔިތުންނަށް ވެސް މައްކާއަށް ވަނުން މިދިޔަ މަހު މަނާ ކުރެވިފައިވާއިރު އެ ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ވެސް ވަނީ ހަރުކަށި ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

ހައްޖާޖީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައޫދީ އަރަބިއާގެ ސަރުކާރުން ކޮންމެ އަހަރަކު ވެސް ވަރަށް ހަރުކަށި ގަވާއިދުތަކެއް ގެންގުޅެ އެވެ.