މިއަދަކީ މިއަހަރުގެ އަޟްހާ އީދު ދުވަހެވެ. މިއަދުގެ މުނާސަބަތާ ގުޅުވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފަ އެވެ.

މި އީދު ދުވަހު އާބާދީ ބޮޑު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސުވާލަކަށް ވެފައި ވާނީ އެ މީހުންނަށް އީދުގެ އުފާ ފާޅުކުރެވޭނީ ކިހިނެއްތޯ އެވެ. މާލެ ސަރަހައްދުގައި އީދާ ގުޅުވައިގެން އޮތީ ކޮން ކަމެއްތޯ އެވެ.

އީދުގެ މާހައުލެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މާލޭ ކައުންސިލުން ވަނީ މާލޭގެ ބޮޑަތި މަގުތަކުގައި އެކި ކުލަކުލައިގެ ބައްތިތަކާއެކު ގިޑިގެތައް ދިއްލާލާފަ އެވެ.

އެއާއެކު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ހާއްސަކޮށް ކުޑަކުދިންނަށް އީދުގެ އުފާ ލިބިދީފައިވާއިރު އޭގެ އިތުރުން ދެން އޮތީ ކޮން ކަމެއްތޯ ވެސް ގިނަ ބަަޔަކު ސުވާލު ކުރެ އެވެ.

އެންމެ ފުރަތަމަ ކަމަކަށް އޮތީ އީދު ނަމާދެވެ. މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި މިއަދު އީދު ނަމާދު ކުރެވޭއިރު އީދު ނަމާދުގެ ފަހުން މާލޭގައި އުޟްހިޔާ ކަތިލެވޭނެ ކަމަށާއި ރއްޔިތުންނަށް އުޟްހިޔާ ބަހާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ވިލިމާލޭގައި ވެސް އީދުގެ ދުވަސްތަކަށް ބަހާލައިގެން ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް ވިލިގިލީގެ ކުޅިވަރުތައް އިންތިޒާމްކުރާ ކްލަބް ލިއޯންސް އިން ބުނެ އެވެ.

ހަމައެއާއެކު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ބަންގްލަދޭޝްގެ ލަވަކިޔުންތެރިޔާ ނަކުލް ކުމާރުއާއި ހަބޭސް ބޮޑުބެރު ގްރޫޕްގެ ހުށައެޅުންތަކާއެކު ސްޓޭޖް ޝޯ އެއްވެސް މިރޭ ހުޅުމާލެ ސިންތަޓިކް ޓްރެކް ސަރަހައްދުގައި އޮންނާނެ އެވެ.

މި ހަރަކާތްތަކާއެކު މިފަހަރުގެ އީދަކީ މާލޭގައި އުޅޭ ރައްޔިތުންނަށް ވެސް އުފާވެރި ކުލަގަދަ އީދަކަށް ވާނެކަން ގައިމެވެ. ހުރިހާ ކިޔުންތެރިންނަށް މި އަހަރުގެ އަޟްހާ އީދުގެ ތަހުނިޔާ އަރިސް ކުރަމެވެ.