ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ތަފާތު ފަރުވާތައް އަހަރުމެން ކުރަމު އެވެ. އެހެން ނަމަވެސް މި ފަރުވާތަކުގެ އިތުރުން ހަމަނިދި ލިބުމަކީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް މުހިއްމު ކަމެކެވެ.

ސައިންސްވެރިން ބުނެފައިވަނީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެންމެ މުހިންމު ކަމަކީ ނިދަން އޮންނަ ގަޑި ހަމަވަންދެން ގަވާއިދުން ނިދުމެވެ.

ރަނގަޅަށް ނިދި ނުލިބޭނަމަ ހަނގަނޑުގެ ތެތްކަން ގެއްލި ޕީއެޗް ލެވެލް ދަށްވެ ޑީހައިޑްރޭޓް ވުމުން ހަންގަނޑު ކުރަކިވެ ރޫޖެހެ އެވެ. އަދި މީގެ އިތުރުން ހަންގަނޑުގެ ވާންކަން ގެއްލި މުސްކުޅި ކަމަށްވެސް ދައްކާނެ އެވެ.

ދާދިފަހުން ޑާމެޓޮލޮޖީ ކްލިނިކަކުން ހެދި ދރާސާއެއްގައި ބުނެފައިވަނީ، ނިދި މަދުވުމުން “ކޯޓިސޮލް” ނަމަކަށް ކިޔާ ސްޓްރެސް ހޯމޯން ހަށިގަނޑުގައި ގިނަވެ ހަންގަނޑުގެ ބައެއްކަހަލަ މައްސަލަތައް މީހުންނާ ދިމާވާ ކަމަށެވެ. އެގޮތުން ގައި ހިރުވާ، ފާރުވުންފަދަ ކަންކަން ދިމާވާ ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.

ބޮޑުމީހަކު މަދުވެގެން 6-7 ގަޑި އިރު ނިދުން މުހިއްމު ކަމަށް ޑޮކްޓަރުން ލަފާދެ އެވެ. ބޮޑެތި މީހުންނަށް އެންމެ މަދުވެގެން 6 ގަޑި އިރުނިދި ބޭނުންވެ އެވެ. އެހެން ނަމަވެސް ނިދަންޖެހޭނީ ހަމަނިދި ލިބޭނެހެން ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ކޮންމެ ރެއަކު ރަނގަޅަށް ނިދަން ބޭނުންނަމަ ނިދުމުގެ ތިން ގަޑިއިރު ކުރިން ކާންވާނެ އެވެ. ނިދާގަޑި ކައިރު ވުމުން ފޯނުގެންގުޅުމާއި ޓީވީ ބެލުންވެސް އެހާ ރަނގަޅު ނޫންކަމަށް މާހިރުން ބުނެ އެވެ.