ދުވާލަކު 80 ގްރާމުގެ މޭވާ އާއި ތަރުކާރީ ކާނަމަ ތަފާތު އާއްމު ބަލިތައް ޖެހުމުން ދުރުކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. ދިރާސާތަކުން ދައްކާ ގޮތުން ތަފާތު ވައްތަރުގެ މޭވާ ކާނަމަ ސިއްހަތު ރަނގަޅު ކޮށްދިނުމުގެ އިތުރުން ބަރުދަން ވެސް ލުއި ކޮށްދެ އެވެ.

ކަރާ

ކަރާގައި 90 ޕަސެންޓް ހިމެނެނީ ފެނެވެ. ކަރަައަކީ ބަރުދަން ލުއިކޮށްދޭ އެއްޗެކެވެ. އެހެންކަމުން ބަރުދަން ލުއިކުރަން ބޭނުންވާނަމަ ގިނައިން ކަރާ ކާށެެވެ. ކަރާގައި އެމިނޯ އެސިޑް އެކުލެވޭއިރު އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވާލަދެ އެވެ.

ފޭރު

ފޭރަކީ ޕްރޮޓީންސް އާއި ވިޓަމިންސްގެ އިތުރުން ފައިބާއިން މުއްސަނދިވެފައިވާ މޭވާއެކެވެ. އެހެންކަމުން ފޭރަކީ ބަރުދަން ލުއިކުރުމަށް އެހީވެދޭ އެއްޗެއްގެ އިތުރުން އާއްމު ސިއްހަތު ވެސް ރަނގަޅު ކޮށްދޭ މޭވާ އެކެވެ.

އާފަލު

އާފަލަކީވެސް ބަރުދަން ލުއިކޮށްދޭ އެއްޗެކެވެ. ދުވާލަކު އާފަލައެއް ކާނަމަ ހަށިގަނޑަށް ބޭނުންވާ 4.4 ގްރާމުގެ ފައިބާ ލިބެ އެވެ. ނިއުޓްރިޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ކެއުމުގެ ކުރިން އާފަލެއް ކާނަމަ ބަރުދަން ލުއިކޮށްދޭ ކަމަށް ބުނެފައިވެ އެވެ.

ގްރޭޕް ފުރުޓް

ގްރޭޕް ފުރުޓުން ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ފޮލިކް އެސިޑްގެ އިތުރުން ޕޮޓޭޝިއަމް ލިބެ އެވެ. މިއީ ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު މާއްދާތަކަށް ވާއިރު ކެއުމުގައި ގްރޭޕް ފްރުޓް ހިމެނުމުން އާއްމު ސިއްހަތު ރަނގަޅުވެ އެވެ.