މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ސަރުކާރުން ދިނުމަށް ނިންމައި އާންމުކޮށްފައިވާ ގޯތި ލިސްޓު މިހާރު އޮތް ގޮތުން ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓް އާދަޔާ ހިލާފަށް ބަލަންޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ މާލެއިން ގޯތި ލިބިފައިވާ ބިދޭސީން ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ލިސްޓެއް އާންމުކުރެއްވުމަށްފަހު އެވެ.
ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އުޅުއްވަނީ ދިވެހި ރައްޔިތުންގެ ބަހެއް ނެތި ދިވެހި ގައުމުގެ ކަންކަން ނިންމެވުމަށް ކަމަށާއި، ދިވެހިންނަށް ނުލިބި ދިވެހި ބިމުން ބިދޭސީންނަށް ހާއްސަކޮށް ގިނަ އަދަދެއްގެ އިންޑިއާ މީހުންނަށް ގޯތި ލިބުނުގޮތެއް އޭސީސީން ބަލަން ޖެހޭ ކަމަށެވެ.
"މިވަރުވީމާ ވޯޓާސް ލިސްޓް އާދަޔާއި ހިލާފަށް ބަލަންޖެހޭ. މިފަހަރު އިބްރާހިމް މުހައްމަދު ސޯލިހު ހިފާފަ މިހިރީ ދިވެހި ރައްޔިތުންގެ ބަހެއް ނެތި ގައުމުގެ ކަންކަން ނިންމަން. ދިވެހިންނަށް ނުލިބި ބިދޭސީންނަށް ދިވެހި ބިމުން ހާއްސަކޮށް ގިނަ އަދަދެއްގެ އިންޑިއާ މީހުންނަށް ގޯތި ލިބުނު ގޮތެއް ބަލަންޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މިއީ ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އަދި މި ލިސްޓުގައި ބިދޭސީން ވަކިން ހާއްސަކޮށް އިންޑިއާއަށް ނިސްބަތްވާ މީހުންގެ ނަންތައް އޮތުމަކީ ކަންބޮޑުވުމެއް ކަމަށާއި މި ލިސްޓު މިހެން އޮތުމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިިވާ ވޯޓާސް ލިސްޓަަށް މާބޮޑަށް ވެސް ސަމާލުވާން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.