ރަންވީރު ސިންހްއާއި އާލިއާ ބަޓް އެކުގައި ފެނިގެންދާ "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"ގެ ފުރަތަމަ ޕޯސްޓަރު އާއްމުންނާ ހަމައަށް އައިސްފައިވާއިރު އެ ދެތަރިން ޖޯޑެއްގެ ގޮތުގައި ނުގުޅޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި ފިލްމުގައި ރަންވީރުއާއި އާލިއާއަކީ ދެ ލޯބިވެރިން ނަމަވެސް އެ ދެމީހުން އެކުގައި ވައްތަރީ އެއްބަނޑު އެއްބަފާ ދެބެއިންނާ ކަމަށް އެ މީހުން ބުނެ އެވެ.

ރަންވީރުގެ އުމުރުން 38 އަހަރު ވާން ކައިރިވެފައިވާއިރު އާލިއާގެ އުމުރަކީ 30 އަހަރެވެ. މި ދެތަރިންގެ އުމުރުގައިވާ 8 އަހަރުގެ ތަފާތަކީ މިކަމުގެ ސަބަބު ކަމުގައިވުން ގާތެވެ.

"ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"ގެ ޕޯސްޓަރު ނެރެފައިވާއިރު މި މަހުގެ ހަތަރު ވަނަ ދުވަހު އެ ފިލްމުގެ ފުރަތަމަ ޓްރެއިލާ ނެރެން ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމަކީ މި ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށްވާއިރު ދެ ތަރިންގެ ޖޯޑު އާއްމުންނަށް ކަމުނުދިއުމުން ފިލްމުގެ ކާމިޔާބީއާ މެދު ބޮލީވުޑްގެ ކަންކަން ބަލާ މީހުން އަންނަނީ ސުވާލު ކުރަމުންނެވެ.

ރަންވީރާއި އާލިއާ އެކުގައި މަސައްކަތް ކުރި އިރު އެ ދެމީހުން ކައިވެނިކޮށްގެން އުޅޭ ދީޕިކާ ޕަދުކޯންއާއި ރަންބީރު ކަޕޫރަކީ އެކުގައި ގިނަ ބަޔަކަށް ކަމުދިޔަ ކުރީގެ ދެ ލޯބިވެރިންނެވެ.