މިދިޔަ ބުދަ ދުވަހުގެ ރޭ ފަތިސްނަމާދުން ފޭބި ވަގުތު ސައިކަލުން ޖެހި މީހަކަށް އަނިޔާވި މައްސަލާގައި އެ ސައިކަލު ދުއްވި ޒުވާނާ ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ބުނީ މި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 22 އަހަރުގެ މީހެކެވެ.

މިދިޔަ ބުދަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒަށެވެ.

އެ އެކްސިޑެންޓް ހިނގީ، ހަފީޒް ފަތިސްނަމާދުން ފައިބައިގެން މަޖީދީމަގުން ހިނގާފައި ދަނިކޮށް މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އެވެ.

މި މައްސަލާގައި ސައިކަލު ދުއްވި މީހާ މިއަދު ފުލުހުން ހައްޔަރުކުރީ އެ އެކްސިޑެންޓަށްފަހު ސައިކަލު ދުއްވި މީހާއާމެދު އެއްވެސް ފިޔަވަޅެއް ނާޅައިގެން ގިނަ ބަޔަކު ފުލުހުންނަށް ފާޑުކިޔަމުންދަނިކޮށެވެ.

މި އެކްސިޑެންޓުގައި ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާއިރު އޭނާ އޮތީ އަދިވެސް ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް ހަފީޒުގެ ގާތް މީހުން ބުނެ އެވެ. އަދި އޭނާ އިތުރު ފަރުވާއަށް ބޭރަށް ގެންދިޔުމަށް އާއިލާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި ޒުވާނާ ފިލިކަމަށް ބައެއް ފަރާތްތަކުން ވާހަކަދެއްކި ނަމަވެސް ފުލުހުން އެކަން ދޮގުކޮށް ބުނެފައިވަނީ އޭނާއަށް އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދިނީ ކަމަށެވެ.

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް ގިނަވެފައިވާއިރު މިކަމާއި މެދުގައި ފިޔަވަޅު އަޅާތަނެއް ފެނިގެން ނުދެ އެވެ. ބާރު ސްޕީޑްގައި ވެހިކަލު ދުއްވާފަރާތްތައް ނުހުއްޓުވާއިރު ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ.