ވަކިވަކި ނޫސްވެރިންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި ނޫސްވެރިންނަށް ފުރައްސާރަކޮށް ތުހުމަތު ކުރުން ހުއްޓާލަން އެންމެހާ ފަރާތްތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކި ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާއި އިންޒާރުތަކާއި އެނޫން ވެސް ގޮންޖެހުންތަކުގެ ޝަކުވާ އެކައުންސިލަށް ލިބެމުންދާ ކަމަށެވެ. އަދި މިހާރަކަށް އައިސް އެންމެ ބޮޑު އެއްޝަކުވާއަކީ ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް ވަރަށް ފާޅުގައި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ދޮގު އިލްޒާމްތައް އަޅުވަމުންދާ މައްސަލަ ކަމަށް މީޑިއާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

މީޑިއާ ކައުންސިލުން ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއްކަމަށެވެ. ނަމަވެސް ވަކިވަކި ނޫސްވެރިންގެ އަގު ވައްޓާލައި، ސާބިތު ނުހިފޭ ތުހުމަތު ކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ ދަށަށްދާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެމްއެމްސީން ވަނީ ބުނެފައެވެ.

"ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރުމާއި ކްރެޑިބަލް ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކީ މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ވެސް އޭގެ ސަބަބުން ގެއްލުން ލިބޭ ކަމެކެވެ." އެމްއެމްސީ ގެ ބަޔާނުގައި ވެއެވެ.

އެމްއެމްސީގެ ބަޔާނުގައި އިތުރަށް ބުނީ ނޫސްވެރިންނަށް ކުރާ ތުހުމަތުގެ ސަބަބުން ސަރުކާރާއި އެހެނިހެން ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްވެސް ހުރަސްތަކެއް އެޅިގެންދާ ކަމަށެވެ. އެހެންކަމުން ވަކިވަކި ނޫސްވެރިންނާ ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި ނޫސްވެރިންނަށް ފުރައްސާރަކޮށް ތުހުމަތު ކުރުން ހުއްޓާލަން އެންމެހާ ފަރާތްތަކަށް އެމްއެމްސީން ވަނީ ގޮވާލާފައެވެ.

މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން ވެސް ނޫސްވެރިކަމުގެ މަސައްކަތްކުރައްވާއިރު، ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ވެސް ހަނދުމަކޮށްދީފަ އެވެ.

މީޑިއާ ކައުންސިލުގެ މިފަދަ ބަޔާނެއް އައިސްފައި މިވަނީ އިއްޔެ ޕީޕީއެމް އަދި ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް އަމާޒުކޮށް ރައީސް އޮފީހުން ފޮނުވާ ސުވާލުތައް ކުރާ ކަމަށް އެފަރާތްތަކުން ތުހުމަތު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން ސަރުކާރުން ބައެއް ވަޒީރުންވެސް ނޫސްވެރިންނަށް ގިނަ ތުހުމަތުތަކެއް ކުރާ ދުވަސްވަރެއްގަ އެވެ.