ފާއިތުވެ ދިޔަ ވިއްސަކަށް އަހަރު ތެރޭގައި ނުދޭ ފަދަ ގަދަފަދަ ހަމަލާތަކެއް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދޭން ފަށައިފި އެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި މިހާތަނަށް މަދުވެގެން ހަތަރު މީހަކު މަރުވެ، އެތައް ބަޔަކު ޒަޚަމް ވެފައިވެ އެވެ.

ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ކޭމްޕަށް ވަޔާއި ބިމުން ދެމުންގެންދާ ހަމަލާތަކުގައި އަނދަމުންދާ އިމާރާތްތަކުގެ ދުން ވަނީ މުޅި ހިސާބަށް ފެތުރިފަ އެވެ. ކޭމްޕްތަކުގައި ދިރިއުޅޭ މީހުން ބުނި ގޮތުގައި ޑްރޯން ބޭނުން ކޮށްގެން އެންމެ މަދުވެގެން ވެސް 10 ހަމަލާ ވައިގެ މަގުން ދީފައިވެ އެވެ.

އިޒްރޭލުގެ 100 ވަރަކަށް ސިފައިންނާއި ހަތިޔާރު ލީ ދޮޅަހަކަށް އުޅަނދު ވަނީ ޖެނީން ރެފިއުޖީ ކޭމްޕް ވަށާލާފަ އެވެ.

ފަލަސްތީނުގެ މީޑިއާތަކުން ބުނާ ގޮތުގައި އެހިސާބުގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކަނޑާލައިފަ އެވެ. މިލިޓަރީ ބުލްޑޯޒަރުތައް ހަނިހަނި ގޯޅިތަކުން ދަނީ ދުއްވަމުންނެވެ. މިފަހަރުގެ ހަމަލާތަކުގައި މިހާތަނަށް މަރުވި ހަތަރު މީހުންނާއެކު މިއަހަރު އިޒްރޭލުގެ ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ މީހުންގެ އަދަދު 132 އަށް އަރަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވާހަކަދެއްކި ކާނަލަކު ބުނި ގޮތުގައި 2،000 އެއްހާ ސިފައިން މި ހަރަކާތްތަކުގައި އަންނަނީ ބައިވެރިވަމުންނެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އެމީހުން ހަމަލާތައް ދެނީ ޚާއްސަ އަމާޒުތަކަކަށެވެ. އަދި ޑްރޯން ހަމަލާ ދިނުމުގެ ބޭނުމަކީ ސިފައިން ބަލާ ފާސްކުރަން ބޭނުންވާ ތަންތަނަށް ވަނުމުގައި ނުރައްކާ ކުޑަކުރުމަށް ކަމަށް ބުނެ އެވެ.