ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ރާވާ ހިންގާ އިމްތިޙާނުތަކާއި ގުޅިގެން ފޮނުވަންޖެހޭ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު އަތޮޅުތެރޭގެ ސެންޓަރުތަކަށް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މޯލްޑިވްސް ޕޯސްޓްއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން އެވެ. އަދި ޕޯސްޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤްވާމީ އަދި ގައުމީ ފެންވަރުގެ ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުގެ ސެޓްފިކެޓް، ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

އެގޮތުން ދަރިވަރުންނަށް ސެޓްފިކެޓް ނުލިބި އެތައް ދުވަހެއް ފާއިތުވުމާއި، ސެޓްފިކެޓްތަކަށް އެކިވަރުގެ ގެއްލުންވުމާއި، ސެޓްފިކެޓް ގެއްލުން ފަދަ އެތައްކަމެއް ދިމާވެފައިވާކަން މިނިސްޓްރީން ފާހަގަކުރެ އެވެ.

މިކަމަށް ހައްލެއް ހޯދުމަށް ޕޯސްޓްއާއެކުވި އެއްބަސްވުމުގެ ދަށުން އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު އަތޮޅުތެރޭގެ ރަށްރަށުގެ ސެންޓަރުތަކަށް ފޯރުކޮށްދިނުމުގެ ކަންކަން މޯލްޑިވްސް ޕޯސްޓްއިން ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ސެންޓަރުތަކަށް ސެޓްފިކެޓް ފޮނުވަން ފެށުމާއެކު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނަށް ސެޓްފިކެޓް ލިބޭތާ ގިނަވެގެން 20 ދުވަހުގެ ތެރޭގައި ސެންޓަރުތަކަށް ޙަވާލުކުރެވޭނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ދަރިވަރުންނާއި ހަމައަށް ސެޓްފިކެޓްތައް އަވަހަށް ފޮނުވައިދޭނެކަމުގެ ޔަގީންކަން މިހާރު ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެ އެވެ.