މީގެ ތިން އަހަރު ކުރިން ވައްޓާލި ޔުކްރޭންގެ މަތިންދާބޯޓުގެ މައްސަލަ އީރާނާ ދެކޮޅަށް ދުނިޔޭގެ ކޯޓު ނުވަތަ ދަހޭގުގައި ހުންނަ އިންޓނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ކެނެޑާ އާއި ސްވިޑަނާއި ޔުކްރޭނާއި އިނގިރޭސި ވިލާތުން ހުށަހަޅައިފި އެވެ.

އިރާނުން ވައްޓާލި އެ ބޯޓުން ދަތުރު ކުރި 176 މީހުން ވަނީ މަރުވެފަ އެވެ.

ޖެނުއަރީ 8، 2020 ގައި ތެހެރާންގެ އެއާޕޯޓުން ނައްޓާލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އީރާނުގެ ރިވެލިއުޝަނަރީ ގާޑުން ބަޑި ޖަހާ ވައަޓާލި ހާދިސާ އީރާނުގެ ސަރުކާރުން ސިފަކޮށްފައި ވަނީ ކާރިސާއެއް ފަދަ އޮޅުމެއްކަމުގަ އެވެ.

ކޯޓަށް ހުށަހެޅި މައަސަލައިގެ ކަރުދާސްތަކުގައި ވާގޮތުން އީރާނުން ވަނީ ވައިގެ ދަތުރުފަތުރުގެ ހިމާޔަތާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވެފަ އެވެ. ހަމަ އެއާއެކު އީރާނުން ބޯޓު ވައްޓާލީ ބަލަން ޖެހޭ ކަނަތަކަށް ނުބަލައި ފަރުވާ ކުޑަކޮށް ކުރި ކަންތައްތެއްގެ ނަތީޖާއިން ކަމަށާއި އެ ހާދިސާއާ ގުޅިގެން އިންސާފުވެރި މިނިވަން ތަހުގީގެއް ހިންގައި އިންސާފު ގާއިމުކޮށްފައި ނުވާ ކަމުގައިވެސް ބުނެފައިވެ އެވެ.

ޔުކުރޭނުގެ ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި ގިނަ މީހުންނަކީ މިމައްސަލަ ކޯޓަށް ހުށަހެޅުމަށް ގުޅިފައިވާ ހަތަރު ގައުމުގެ މީހުންނެވެ.

އީރާން ބުނާގޮތުގައި ބޯޓު ވެއްޓުނީ އެކްސިޑެންޓަކުން ހިނގި ހާދިސާއެއްގައެވެ. އެދުވަސްވަރަކީ އީރާނާ އެމެރިކާގެ މެދުގައި ނުތަނަވަސްކަން އުފެދިފައި އޮތް ދުވަސްވަރެކެވެ. 2021 ވަނަ އަހަރު ނެރުނު ތަހުގީގީ ފައިނަލް ރިޕޯޓުގައި ވާގޮތުން ހާދިސާ ހިނގީ އެގައުމުގެ ވައިގެ ދިފާއީ ބާރަށް އެރި އޮޅުމަކުން ހިނގި އެކްސިޑެންޓެއްގަ އެވެ.

އީރާނުން ރިޕޯޓު ނެރުނު ދުވަސްވަރު ކެނެޑާއިން ބުނެފައިވަނީ އެރިޕޯޓުގައި ހާދިސާ ހިނގި ގޮތް އޮޅުންފިލުވައިދިނުމަށް މަސައްކަތް ކޮށްފައެއް ނުވެ އެވެ.