ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ސައުދީ އަރަބިއްޔާއަށް ދިޔަ އިތުރު ހައްޖުވެރިއަކު ނިޔާވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ނިޔާވެފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ ހއ. ކެލާ، ސީސާންގެ، އަލީ ގާސިމް 81، އެވެ.

އޭނާ ނިޔާވެފައި ވަނީ މަދީނާ ހޮޓަލްގައި ހުއްޓާ ހެނދުނުގެ ވަގުތެއްގައި ކަމަށް މިނިސްޓްރީން ބުނެ އެވެ. މިއީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވި ހަތަރު ވަނަ ހައްޖާޖީ އެވެ.

މިއަހަރު ރާއްޖެއަށް ހައްޖަށް މީހުން ގެންދިޔުމަށް ލިބުނު 1،000 ކޯޓާގެ ދަށުން ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ތިން ގްރޫޕެއްގެ ހަވާލުގައި ދިވެހިން ހައްޖަށް ގޮސްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީއަށް ދިޔަ ދިވެހި ހައްޖުވެރިން މާދަމާއިން ފެށިގެން ރާއްޖެ އަންނަން ފަށާނެ ކަމަށެވެ. އެގޮތުން ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ހަ ފްލައިޓެއްގަ އެވެ.