އީރާނުން ސަރަހައްދުގެ ހުރިހާ ތެޔޮ އެކްސްޕޯޓެއް ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް، އެމެރިކާއިން އީރާނާ ދެކޮޅަށް އިގްތިސާދީ ވަރުގަދަ ހަމަލާއެއް ދޭން އެމެރިކާއިން ތައްޔާރުވެއްޖެ އެވެ.
އީރާނުގެ ވިޔަފާރި ބައިވެރިންނަށް އަމާޒުކޮށް އޮގަސްޓް 24 ގައި ތަންފީޒުކުރަން ފަށާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، މިހާތަނަށް ގައުމަކާ ދެކޮޅަށް ހިންގާނެ އެންމެ ވަރުގަދަ މާލީ ހަރަކާތް ކަމަށް އެމެރިކާއިން ވަނީ ސިފަކޮށްފަ އެވެ.
މީގެ ރައްދުގައި އީރާނުން ބުނެފައިވަނީ އިގްތިސާދީ ހަނގުރާމަ ކުރިއަށްދާނަމަ ގަލްފު ސަރަހައްދުން ބޭރުކުރާ ހުރިހާ ތެޔޮ އެކްސްޕޯޓެއް ހުއްޓުވާނެ ކަމަށެވެ.
1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު މެދުނުކެނޑި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ތަހައްމަލު ކުރަމުންދާ އީރާނާ ދެކޮޅަށް، އިތުރަށް އަޅާ ހަރުކަށި ފިޔަވަޅުތައް ހާމަކުރުމަށްޓަކައި އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އޮގަސްޓް 24 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ހަނގުރާމަ ކުރަމުންދާ ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތަކެއް ނުހިނގާތާ ހަފުތާތަކެއް ވެފައިވީ ނަމަވެސް، ހަމަސް ދުވަސްވީ މި މައްސަލައަށް ހައްލެއް ހޯދުމަށް އެދެވޭ މަޝްވަރާތަކެއް ކުރެވިފައެއް ނުވެއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭންފެށި ހަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ އީރާނާއި ލުބުނާނުގެ ރައްޔިތުންނެވެ. މި ހަމަލާތަކުގައި އީރާނުގެ ރޫހާނީ މީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލައި، އެގައުމުގެ އަސްކަރީ ގާބިލުކަމަށާއި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ.
އެހެންނަމަވެސް، އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމަށާއި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ނުރައްކާކުރުމުގެ ގާބިލުކަން އީރާނުގެ މިސައިލް އަދި ޑްރޯން ފައުޖުތަކުގައި އަދިވެސް އެބަހުއްޓެވެ. މީގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގަށް ވަނީ ނުފޫޒު ފޯރާފަ އެވެ. އަދި އެމެރިކާ އާއި އިޒްރޭލުން ނައްތާލަން ބޭނުންވާ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ މިހާރުގެ ހާލަތެއް ސާފެއް ނޫނެވެ.
އަޅާނެ ވަކި ފިޔަވަޅުތަކުގެ ތަފްސީލު ދިނުމަކާ ނުލައި ބެސެންޓް ވިދާޅުވީ، އީރާނުގެ އިގްތިސާދީ އަދި މާލީ ނިޒާމާ ގުޅުން ބާއްވާ ބިރުގަންނަ ގައުމުތަކަށް އެމެރިކާއިން އަމާޒުކުރާނެ ކަމަށެވެ. "އެ ގުޅުން ދެމެހެއްޓުމުން ނުކުމެދާނެ ނަތީޖާއާ މެދު އެފަރާތްތަކުން ވިސްނުން ބުއްދިވެރި،" އޭނާ ލިޔުއްވާފައިވެއެވެ.
އީރާނުން ދަނީ މި ފިޔަވަޅުތަކަށް ތައްޔާރުވަމުންނެވެ. އަދި އަސްކަރީ ގޮތުން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެގައުމުގެ އިސް އޮފިޝަލުން ދަނީ ދެމުންނެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރޭޒާއީ ވިދާޅުވީ، އިގްތިސާދީ ހަނގުރާމަ ކުރިއަށްދާނަމަ ހޮރްމޫޒް ކަނޑުއޮޅިން ވިޔަސް ނުވަތަ ޕާޝިއަން ގަލްފުގެ އެހެން ސަރަހައްދަކުން ވިޔަސް އެންމެ ތެޔޮ ތިއްކެއް ވެސް އެކްސްޕޯޓް ކުރިޔަ ނުދޭނެ ކަމަށެވެ.
އެމެރިކާއިން ވަނީ ޗައިނާއަށް ވެސް މިކަމުގައި އެއްބާރުލުން ދިނުމަށް ގޮވާލާފަ އެވެ. ނަމަވެސް ޗައިނާއިން ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުން މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށާއި، ބޭނުންވަނީ ހިކުމަތްތެރި ހާރިޖީ ސިޔާސަތެއް ކަމަށެވެ.
އީރާނުގެ އިގްތިސާދު މިހާރުވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. ތަކެތީގެ އަގު އިންތިހާއަށް އުފުލި، ފައިސާގެ އަގު ދަށަށްގޮސް، ހަކަތައިގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. މީގެ އިތުރުން ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޮޑެތި ގޮންޖެހުންތަކެއް އެގައުމަށް ވަނީ ކުރިމަތިވެފަ އެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ސީދާ ވާހަކަތަކެއް ނުދެކެވުނު ނަމަވެސް، ގަތަރާއި ޕާކިސްތާނު އަދި ތުރުކީ ފަދަ ގައުމުތަކުން ދަނީ ސުލްހަ ގާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ޕާކިސްތާނުގެ އަސްކަރީ ވެރިޔާ އާސިމް މުނީރު އީރާނަށް ޒިޔާރަތްކުރައްވައި، މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އެމެރިކާއިން ބުނާ ގޮތުގައި އެގައުމުގެ އަސްކަރިއްޔާގެ 18 މީހަކު މަރުވެ، 750 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
9 އަހަރަށްފަހު މޭގަން އަނބުރާ އެކްޓިންއަށް އަންނަނީ!
ކަންގަނާއާއި ތާޕްސީގެ ކޯޅުން އަނެއްކާ ވެސް ހޫނުވެއްޖެ
ދެ ޕެޓިޝަނަށް ބަހުސްކުރަން ދެ ގަޑިއިރު ދޭން ނިންމައިފި
