ވަރަށް ޅައުމުރުގައި ނުރަ ޖެހުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. އެކަމުގެ ސަބަބުން ރައްޓެހިންގެ މަލާމާތް ވެސް އަމާޒުވާ ކަމެކެވެ.

އެހެންކަމުން މިފަހަރު މި ގެނެސްދެނީ މިގޮތަށް އަވަހަށް ނުރަ ޖަހާ މީހުންނަށް އިސްތަށިގަނޑަށް ދެވިދާނެ ރަނގަޅު ފަރުވާއެކެވެ. ޚާއްސަ ހެއާ ޕެކް އެކެވެ.

ބޭނުންވާ ތަކެތި

  • 3-4 ހީނާފަތް
  • 1 ސައި ސަމުސާ އާމްލާ ޕައުޑަރު
  • 1 މޭޒުމަތީ ސަމުސާ ކޮފީ ޕައުޑަރު
  • 2 ސައިސަމުސާ ޕްލެއިން ޔޯގަޓް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ހީނާފަތްތައް ރަނގަޅަށް މުގުރާށެވެ. ރަނގަޅަށް ހިމުންވުމުން ދެން ހުރި ތިން ބާވަތް އަޅައި ޕޭސްޓްގަނޑެއް ތައްޔާރުކޮށްފައި ބޮލުގެ ނާށިގަނޑާ އެކު އިސްތަށިގަނޑުގައި ރަނގަޅަށް ހާކާށެވެ. ޝަވާ ކެޕަކުން އިސްތަށިގަނޑު ރަނގަޅަށް ކަވަރުކުރާށެވެ. އަދި 20-25 މިނިޓް ވަންދެން ބެހެއްޓުމަށްފަހު އެހާ ބާރުގަދަ ނޫން ޝޭމްޕޫއަކުން އިސްތަށިގަނޑު ދޮވެލާށެވެ.