ށ. އަތޮޅު ތިން ރަށެއްގައި ފަތާ ސަރަހައްދެއް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ފަތާ ސަރަހައްދެއް ތަރައްގީ ކުރުމަށް މަސައްކަތް ހަވާލުކޮށްފައިވާ ތިން ރަށަކީ ށ. ފޯކައިދޫ، ށ. ފީވައް އަދި ށ. ފޭދޫ އެވެ.

ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި އެމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

ދައުލަތުގެ ބަޖެޓުން 16.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުތައް ނިންމަން ދިނީ ހަތް މަސްދުވަހެވެ.

މި މަޝްރޫއުގެ ދަށުން ފޯކައިދޫގެ ފަތާ ސަރަހައްދު ފުން ކުރުމަށް 2،730 ކޮޑި މީޓަރުގެ ވެލި ނަގައި، 40 މީޓަރުގެ ގްރޮއިން ލައި، 101.56 މީޓަރު ބޭރު ތޮއްޓެއް ލާނެ އެވެ. ފީވަކުގެ ފަތާ ސަރަހައްދު ފުން ކުރަން 3،575 ކޮޑި މީޓަރުގެ ވެލި ނަގައި، 50 މީޓަރުގެ ގްރޮއިން ލައި، 97 މީޓަރުގެ ބޭރު ތޮއްޓެއް ލާނެ އެވެ.

ފޭދޫގެ ފަތާ ސަރަހައްދު ފުން ކުރުމަށް 2،106 ކޮޑި މީޓަރުގެ ވެލި ނަގާނެ އެވެ. އެ ރަށުގައި 50 މީޓަރު ގްރޮއިން ލައި، 62 މީޓަރުގެ ބޭރު ތޮއްޓެއް ލާން ނިންމާފައިވެ އެވެ.