ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުގެ ދައުވަތަކަށް ޝާހިދު ކުރައްވާ ދެ ދުވަހުގެ ދަތުރެއް ކަމަށެވެ.
މިދަތުރުފުޅާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުގެ ރަސްމީ ބައްދަލުވުންތައް އޮންނާނީ މާދަމާ އަދި ބުދަ ދުވަހު ކަމަށެވެ. އަދި މި ދަތުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކޮށް، އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއާ ގުޅޭ އިތުރު އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް އޮންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރަށް އިންޑިއަން ކައުންސިލް ފޯ ވޯލްޑް އެފެއާޒްގައި ބާއްވާ 43 ވަނަ ސަޕްރޫ ހައުސް ލެކްޗާ (އެސްއެޗްއެލް) މިނިސްޓަރު ޝާހިދު ވާހަކަ ދައްކެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެ ކުރިން ވެސް ޝާހިދު ވަނީ އެކި ފަހަރު މަތިން އިންޑިއާއަށް ރަސްމީ ދަތުރުތައް ކުރައްވައިފަ އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ތިން ފަހަރެއްގެ މަތިން ރާއްޖެއަށް ވަޑައިގެންނެވި އެވެ.