ބިން ހިއްކުމުގެ މަޝްރޫއުތައް އަވަހަށް ނިންމުމަށްޓަކައި ދުވާލަކު ހެކްޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ ޑްރަޖަރެއް އެމްޓީސީސީން ރާއްޖެއަށް ގެނެސްފި އެވެ.
އެމްޓީސީސީން ބުނީ އެކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކުގައި ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާއިރު އެމޝްރޫއުތައް އަވަހަށް ނިންމުމަށްޓަކައި ބޮޑު ޑްރެޖަރެއް ގެނެސްފައިވާ ކަމަށެވެ. "ފިލީޕޯ ބްރޫނެލޭޝީ" ނަމަކަން ކިޔާ ޑްރެޖަރު ރޭގެ ވަގުތެއްގައި ރާއްޖެ އައިސްފައިވާއިރު މިވަގުތު އޮތީ ކަސްޓަމްސް ކްލިއަރެންސަށް ހއ. އުލިގަމުގައި ބަނދަރުކޮށްފަ އެވެ.
އެމްޓީސީސީން ބުނީ މިޑްރެޖަރު ބޭނުންކޮށްގެން މާދަމާ ހއ. އިހަވަންދުއަށް ގޮސް އެރަށުގެ ބިން ހިއްކަން ފަށާނެ ކަމަށެވެ.
އެމްޓީސީސީން މިހާތަނަށް ހިއްކުމުގެ މަސައްކަތް ކުރަމުން އައިސްފައި ވަނީ މަހާޖައްރާފުންނެވެ. އެކަމަކު، އޭގެ ޑައިނަމޯ ހަލާކުވެ، އެ މަރާމާތު ކުރުމުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެމްޓީސީސީން ބުނީ ކުއްޔަށް ޑްރެޖަރެއް ގެންނަން ނިންމީ އެކަމަށް ވަގުތު ވެސް ނަގާނެތީ ކަމަށެވެ.
އެމްޓީސީސީގެ ޑްރެޖަރުތަކުގެ ތެރެއިން އެންމެ އަވަސް ޑްރެޖަރު، މަހާ ޖައްރާފުން ހިކެނީ ތިން ދުވަހުން ހެކްޓަރެކެވެ. ނަމަވެސް އަލަށް ގެންނަ ޑްރެޖަރުން އެއް ދުވަހުގެ ތެރޭގައި އެއް ހެކްޓަރުގެ ބިން ހިއްކާލެވެ އެވެ.
ދިގުމިނުގައި 142.5 މީޓަރު އަދި ފުޅާ މިނުގައި 27.5 މީޓަރުގެ މި އުޅަނދަކީ 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީގެ އުޅަނދެކެވެ. އެމްޓީސީސީގެ މަހާޖައްރާފަށް އެއްފަހަރާ ބަރުކުރެވެނީ 3،700 ކިއުބިކް މީޓަރުގެ ވެއްޔެވެ.
އެގޮތުން އާ ޑްރެޖަރުން ނުވަ ރަށެއް ހިއްކަން މިހާރު ވަނީ ޕްލޭންކޮށްފަ އެވެ. އެއީ، އިހަވަންދޫގެ އިތުރުން ށ. ކޮމަންޑު އާއި އއ. އުކުޅަހާއި އެ އަތޮޅު ބޮޑުފޮޅުދު އާއި ރ. އުނގޫފާރާއި މ. ދިއްގަރާއި ފ. ފީއައްޔާއި ކ. ދިއްފުއްޓާއި އެ އަތޮޅު ގުޅި އެވެ.
އެމްޓީސީސީން އަމާޒު ހިފާފައިވަނީ މި އަހަރުގެ އޮކްޓޯބަރު ނިމުމުގެ ކުރިން އެ ހުރިހާ ރަށެއް ހިއްކައި ނިންމައިލުމަށެވެ.