މަންމައަކަށް ނުވަތަ ބައްޕައަކަށްވެ ދަރިއަކު ބަލައި ބޮޑުކުރުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. ޚާއްސަކޮށް، އެ ދަރިފުޅުގެ އެންމެ ތުއްތު ދުވަސްވަރު އެވެ. ދަރިފުޅަށް ވާހަކަ ދައްކަން ނޭނގޭ ހާލު، ކަމެއް ބޭނުން ވެއްޖިއްޔާ އެކަން އެނގުމުގެ ހަމައެކަނި ގޮތަކީ ރުއިމެވެ. އެހެންކަމުން، ދަރިފުޅު ބޭނުންވަނީ ކޮން ކަމެއް ކަން މަންމައާއި ބައްޕައަށް ދެނެގަންނަން އެނގެންވާނެ އެވެ.

ބަނޑުހައިވުން

ދަރިފުޅު ބަނޑުހައިވުމުން އަޑަށް އަޑު ލައި ވަރަށް ބާރަށް، އަވަސް އަވަހަށް ރޯނެ އެވެ. ބުއްފުޅިއެއް ފަދަ އެއްޗެއް ނުލިބެނީސް ހުއްޓައި ނުލާނެ އެވެ. ނަމަވެސް ދުވަސް ފާއިތުވާ ވަރަކަށް، ދަރިފުޅުގެ "ބަނޑުހައި ރުއިން" މައިންބަފައިންނަށް ދެނެގަންނަން އެނގޭނެ އެވެ. ދަރިފުޅު ބަނޑުހައިވެފައި ހުރި ކަމުގެ ބައެއް އެހެން ނިޝާންތަކުގެ ތެރޭގައި، ތުންފަތް ބުއިމާއި، އަނގައަށް އަތްލުން ހިމެނެ އެވެ

ވައިލާން ބޭނުންވުން

ދަރިފުޅު ވައި ލާން ބޭނުންވުމުން ރޯ ރުއިމަކީ ދެނެގަންނަން ފަސޭހަ ރުއިމެކެވެ. ވައި ލާން ބޭނުންވެގެން ދަރިފުޅަށް ރޮވޭނީ، ކެއުމަށް ފަހު ނުވަތަ ބުއިމަށް ފަހު ކުޑަކޮށް ބަނޑުގައި ރިއްސާތީ އެވެ. ވައި ލާން ބޭނުންވާކަން ދައްކާ އެހެން އިޝާރާތަކީ، މޭ މައްޗާއި ހަމައަށް ފައި ނުވަތަ ކަކޫ ހިއްލުމަށް މަސައްކަތް ކުރުމެވެ. ދަރިފުޅު ވައި ލެއްވުމަށް، ދަރިފުޅު ތެދަށް އުރުމަށް ފަހު، ބުރަކަށީގައި މަޑުމަޑުން އަތުން ޖަހައިލާށެވެ. ދަރިފުޅަށް ހޮޑު ލެވިދާނެތީ، ތިބާގެ ކޮނޑުމަތީގައި ފޮތިކޮޅެއް ބޭއްވުން ބުއްދިވެރި އެވެ

ވަށައިގެންވާ މާހައުލު

ދަރިފުޅުގެ ވަށައިގެންވާ މާހައުލުގެ ސަބަބުން ބައެއް ފަހަރު އުނދަގޫވުމަކީ އެކަށީގެންވާ ކަމެކެވެ. ފަހަރުގައި ވަށައިގެންވާ މާހައުލުގައި އުޅޭ މީހުންނާއި، އަޑުތަކާއި މަންޒަރުތައް ދެނެގަތުމަށް ދަރިފުޅަށް އުނދަގޫ ވަނީ ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް މި ހާލަތުގައި ރޯ ރުއިމަކީ ތަފާތު ރުއިމެކެވެ. އެއް ގޮތަކަށް ރުއިން ނުހިފެހެއްޓޭނެ އެވެ. ބައެއް ފަހަރު ރުއިމުގެ ތެރެއިން ހީނލައި ވެސް ހަދާފާނެ އެވެ.

ނިދި އައުން

ވަރުބަލިވެ، ނިދަން ބޭނުންވެގެން ދަރިފުޅު ރޯނެ އެވެ. މި ހާލަތުގައި ދަރިފުޅު ރޯނީ މަޑުމައިތިރި ރުއިމެކެވެ. ނިދި އައިސްގެން އުޅޭ ނަމަ ބައެއް ކަހަލަ އިޝާރާތްތައް ވެސް ދަރިފުޅު ކުރާނެ އެވެ. އޭގެ ތެރޭގައި ލޮލުގައި އަތް އުނގުޅުމާއި، އާފުރުމާއި، ރޯ އިރު ލޯ މަރައިގެން ރުއިން ހިމެނެ އެވެ.

ބަލިވުން

ދަރިފުޅު ބަލިވެއްޖެ ނަމަ ރޯ ރުއިމަކީ އާދަޔާ ޚިލާފު ރުއިމަކަށް ވެދާނެ އެވެ. ބަލިވެއްޖެ ކަމުގެ އެހެން އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ކެއުމަށް ނުވަތަ ބުއިމަށް ބޭނުން ނުވުމާއި، ނިދިން ހޭލަން އުނދަގޫވުން ހިމެނެ އެވެ.