ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރެވޭ ޑޮލަރުގެ މުއާމަލާތްތައް އިތުރުކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި އަންނަނީ ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރެވޭ ޑޮލަރުގެ މުއާމަލާތްތައް އިތުރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިހާތަނަށް މިޕެޓިޝަންގައި 300 މީހުންނަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު މިޕެޓިޝަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށާއި އެމްއެމްއޭ އަދި ބޭންކުތަކަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.
މިޕެޓިޝަންގައި ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ގިނަ މީހުންނަށް މުސާރަ ލިބެނީ ދިވެހި ރުފިޔާއިންނެވެ. އަދި ދިވެހި ރުފިޔާ އެކައުންޓުން ޑޮލަރު މުއާމަލާތް ކުރެވޭ މިންވަރެއް ކަނޑައަޅާފައިވާތީ އޮންލައިން މުއާމަލާތަށް ކުރުމަށް ދަތިތަކާ ކުރިމަތިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓު އޮންނަ ނަމަ، އެ އެކައުންޓުން މަހަކު ޑޮލަރުގެ މުއާމަލާތް ކުރެވޭ މިންވަރު ޑެބިޓް ކާޑެއް ނަމަ 250 ޑޮލަރަށް އަދި ކްރެޑިޓް ކާޑެއް ނަމަ 750 ޑޮލަރަށް ހެދީ ކޮވިޑް-19އާ ގުޅިގެން ކުރިމަތިވި މާލީ ދަތިތަކާ އެކު އެވެ.
ރާއްޖޭގައި ހިދުމަތް ދޭ ހުރިހާ ބޭންކުތަކަކަކުން ކަހަލަ ގޮތަކަށް މި ލިމިޓު ގެންގުޅެ އެވެ.
ކާޑުތަކުގެ ލިމިޓް އުވާލާފައި ނުވިޔަސް، އޭޓީއެމް އަދި ބްރާންޗު މެދުވެރިކޮށް މަހެއްގެ މައްޗަށް ޑޮލަރު އެކައުންޓުން ފައިސާ ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓް، ރާއްޖޭގެ މައި ބޭންކު ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ މިދިޔަ ފެބްރުއަރީގައި އުވާލައިފަ އެވެ. މި ބަދަލު ގެނައި ނަމަވެސް، ރުފިޔާ އިން ފައިސާ ދައްކާ ނުވަތަ ރުފިޔާ އެކައުންޓަކާ ގުޅިފައިވާ ކާޑުތަކުން އަދިވެސް ބޭރުގެ މުއާމަލާތްތައް ކުރެވޭނީ ޑެބިޓް ކާޑަކުން ގިނަވެގެން މަހަކު 250 ޑޮލަރު އަދި ކްރެޑިޓް ކާޑަކުން ގިނަވެގެން މަހަކު 750 ޑޮލަރާ ހަމައަށެވެ.