ސަލްމާން ހާން ހޯސްޓްކުރާ "ބިގް ބޮސް އޯޓީޓީ" ސީޒަން ދޭ ޖޫން 17 ގައި ފެށިގެން ކުރިއަށްދާއިރު މިހާރު ވަނީ އިތުރު ދެ ހަފްތާއަށް ޝޯ އިތުރުކޮށްފަ އެވެ. ކުރިން އޮތީ ހަ ހަފްތާއަށް ޝޯ ކުރިއަށް ގެންދާ ގޮތަށެވެ. އެހެން ނަމަވެސް ބެލުންތެރިންގެ މެދުގައި ޝޯއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ޝޯ އިތުރު ދެ ފަހްތާއަށް ކުރިއަށް ގެންދިޔުމަށް ބިގްބޮސް އުފައްދާ ފަރާތުން ވަނީ ނިންމާފަ އެވެ.

ކޮންމެ ހަފްތާއަކުވެސް ބިގްބޮސް ގޭގެ ތެރޭގައި ބައިވެރިންގެ މެދުގައި ވާދަވެރިކަން ފެނިގެންދެ އެވެ. ކުއްލި ކުއްލިއަށް މޫސުމަށް އަންނަ ބަދަލުތައް ފަދައިން ގޭގެ ތެރޭގައި އެއް ބައިވެރިޔަކު އަނެއް ބައިވެރިޔަކާމެދުގައި އޮންނަ ގުޅުންތައްވެސް ބަދަލުވެގެންދެ އެވެ.

"ބިގް ބޮސް"ގެ ގޭގައި މި ވަގުތު ތިބި ބައިވެރިންގެ ތެރޭގައި ހިމެނެނީ ޖިޔާ ޝަންކަރް، މަނީޝާ ރާނީ، އަބީޝޭކް މަލްހާން، ޕޫޖާ ބަޓް، ފަލަކް ނާޒް އަދި ޖެކް އެވެ. މީގެ އިތުރުން މިހަފްތާގައި ވަނީ ޝޯއަށް އިތުރު ދެ ބައިވެރިޔަކު ގުޅިފަ އެވެ. އެގޮތުން ވައިޓް ކާޑުގެ ގޮތުގައި ޝޯއާ ގުޅިފައިވަނީ އެލްވިޝް ޔާދާވް އާއި އާޝިކާ ބާޓީއާ އެވެ.

ބިގްބޮސްގެ ބައިވެރިވާ ފަރާތްތަކުން ދަނީ އެމީހުންގެ ޝަހުސިއްޔަތުން ބެލުންތެރިންގެ ހިތުގައި ޖާގަ ހޯދަމުންނެވެ. މިއީ ބިގް ބޮސް އޯޓީޓީ ދެ ގެ އެންމެ ގޫގުލް ކޮށްފައިވާ ކޮންޓެސްޓަންޓުނެވެ.

މަނީޝާ ރާނީ އަކީ ބިގްބޮސް ގޭގައި މިހާތަނަށް އެންމެ ވާދަވެރިކަމެއް ފެނިގެންދާ އެއް ބައިވެރިޔާ އެވެ. އަދި "ވީކްއެންޑް ކާ ވާރް"ގައި ސަލްމާން އެއްވެސް ފާޑުކިޔުމެއް އަމާޒުނުވާ ބައިވެރިއެކެވެ. މިހަފްތާގެ ބިގްބޮސްގެ ކެޕްޓަން އަކީވެސް މަނީޝާ ރާނީ އެވެ.

ދެ ވަނާގައި ހިމެނެނީ ބެބިކާ ދުރްވޭ އެވެ. ބެބިކާ އަކީ ޝޯގައި އެހެން ބައިވެރިންނާ ވަރަށް ބޮޑަ ޒުވާބުކޮށްހަދާ ބައިވެރިއެކެވެ. އަދި ކަމުގެ ހަގީގަތް ދިމާލަށް ބުނެލަން ކެރޭ ބައިވެރިއެކެވެ.

ގޫގުލްއިން އެންމެ ގިނަ ބަޔަކު ހޯދި ބިގްބޮސްގެ ބައިވެރިންގެ ތެރޭގައި ތިން ވަނާގައި ހިމެނެނީ ޔޫޓިއުބާ އަބިޝެކް މަލްހާން އެވެ. އަބީޝެކް އަކީ އޭނާގެ ވަރުގަދަ މަޖާ ޝަޚުސިއްޔަތުން ބެލުންތެރިންގެ ހިތްތަކުގައި ވެރިކަން ކުރަމުން އަންނަ މަޝްހޫރު ޔޫޓިއުބަރެކެވެ. ގޭގައި ހުރި ޔޫޓިއުބަރުގެ ބޮންޑްތަކަށް ބެލުންތެރިންގެ ލޯބި ލިބުމުގެ ނަތީޖާއެއްގެ ގޮތުން އޭނާ އަކީ ޖިއޯ ސިނަމާގައި ޝޯގެ އެންމެ ގޫގުލް ކޮންޓެސްޓަންޓުންގެ ތެރޭގައި ހިމެނޭ ބައިވެރިއެކެވެ.

ޕޫޖާ ބަޓަކީ މިހާރުވެސް މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު މޫނެކެވެ. ގިނައިން ފެންނަނީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކާ ކުރިމަތިލުންތަކުގެ ސަބަބުން ސުރުޚީތަކުގައި އުޅޭ ބަތަލާ ކަމަށާއި، ބުއްދިވެރި ނިންމުންތަކާއި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް އެހީތެރިވެދޭ ވިސްނުންތަކަށް ހޯސްޓް ތައުރީފުކުރާތަން ވެސް ގިނައިން ފެންނެ އެވެ.