އިސްތަށިގަނޑު ރަނގަޅަށް ބެލެހެއްޓުމަކީ ތިމާގެ ސާފުތާހިރުކަމުގެ މުހިއްމު ބައެކެވެ. އެގޮތުން އިސްތަށިގަނޑު ގަވާއިދުން ދޮވުމަކީ ގަވާއިދުން ކުރަން ޖެހޭ ކަމެކެވެ. މިކަން ކުރާއިރު ބައެއް ކަންކަމަށް ސަމާލުވާން ވެސް ޖެހެ އެވެ.

ޝޭމްޕޫ ލުމުގެ ކުރިން އިސްތަށިގަނޑު ރަނގަޅަށް ތެންމާލުން.

ގިނަ މީހުންނަކީ ޝޭމްޕޫލުމުގެ ކުރިން ވަރަށް ކުޑަ ފެންފޮދެއް ބޮލަށް އަޅާލައިގެން ބޯ ދޮންނަން ފަށާ ބައެކެވެ. ނަމަވެސް މިއީ ގޯހެކެވެ. ބޮލުގައި ޝޭމްޕޫ ލުމުގެ ކުރިން އިސްތަށިގަނޑު ވަރަށް ރަނގަޅަށް ތެންމާލަން ވާނެ އެވެ. އޭރުން އިސްތަށިގަނޑުގައި ހުންނަ ތެޔޮތައް ފަސޭހައިން ފިލާ، ސާފު ކުރަން ފަސޭހަ ވާނެ އެވެ.

ބޭނުންވާ ވަރަށް ޝޭމްޕޫ ބޭނުން ކުރުން

މާ ގިނައިން ޝޭމްޕޫ ބޭނުން ކުރުމަކީ އިސްތަށިގަނޑަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. މިކަމުގެ ސަބަބުން އިސްތަށިގަނޑު ވަރަށް ބޮޑަށް ހަލާކުވެ އެވެ. އެހެން ނަމަވެސް މާ މަދުން ޝޭމްޕޫ ބޭނުން ކުރުމަކީ ވެސް ގޯހެކެވެ. އެންމެ ރަނގަޅު ގޮތަކީ ޝޭމްޕޫއިން އަރާ ފޮނައިން އިސްތަށިގަނޑު ކިރިޔާ ފޮރުވޭ ވަރަށް ބޭނުން ކުރުމެވެ.

ރަނގަޅަށް ޝޭމްޕޫތައް ފިލުވުން

ބޮލަށް ފެން އަޅާ، ރަނގަޅަށް ތެންމާލަންވީ ހަމައެކަނި ބޯ ދޮންނަން ފެށުމުގެ ކުރިން އެކަންޏެއް ނޫނެވެ. ޝޭމްޕޫ ލާ ނިމިގެން، އެ ޝޭމްޕޫތައް ރަނގަޅަށް ފިލުވަން ވެސް ގިނައިން ފެން އަޅާ، އަތުން އިސްތަށިގަނޑު މަޑުމަޑުން އުނގުޅަން ވެސް ވާނެ އެވެ. ބޭނުމަކީ ބޮލުން ރަނގަޅަށް ޝޭމްޕޫތައް ފިލުވުމެވެ.