ފްރާންސް އިން ސިންގަޕޫރަށް އަޅާ ސަބްސީ ކޭބަލް އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެއާ ގުޅާލުމުން އިންޓަނެޓްގެ ދުވެލި ހަލުވިވެ އިތުރަށް އަގުހެޔޮ ވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިހާރު ވ.އަތޮޅަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭނަށް އެއަތޮޅު ރަކީދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީއާއި އެއްވަރަށް ރާއްޖެވެސް ފައިހަމަ ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި އިންޓަރނެޓަކީ މުހިންމު ވަސީލަތެއް ކަމަށްވާއިރު، އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ވައުދުވެވަޑައިގެންނެވީވެސް އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަ ކުރައްވާ އެ ވައުދާއި އެއްގޮތަށް މިހާރު އިންޓަނެޓްގެ ހިދުމަތުގެ އަގު ހެޔޮކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިހިދުމަތް އިތުރަށް އަގުހެޔޮ ކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ފްރާންސްގެ މާސޭ އިން ސިންގަޕޫރަށް އެ އަޅާ ސަބްސީ ކޭބަލް ރާއްޖެއަށް ގުޅާލުމުން އިތުރަށް އަގުހެޔޮ ވާނެ ކަމަށެވެ.

ރަކީދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: އެމްޑީޕީ

""އަދި އެ ހިސާބުން އަޅުގަނޑުމެން އެ ކަން ނިންމައިނުލައި، މިއަށްވުރެ ހަލުވި އަގުހެޔޮ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. އިރާދަކުރެއްވިއްޔާ އޯގަސްޓު މަހުގެ މެދުތެރޭ ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އެ އަަޅައި ސަބްމެރިން ކޭބަލް ރާއްޖެއަށް އެއްގަމު ކުރެވިގެންދާނެ. ނަތީޖާއަކަށް ވެގެންދާނީ މިހާރު އަޅުގަނޑުމެންނަށް ލިބޭ އިންޓަނެޓްގެ ހިދުމަތް އަގުހެޔޮވެ ހަލުއިވެގެން ދިއުން" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ސަރުކާރުގެ ކުރަން އުޅޭ ކަމަކީ ހިދުމަތުގެ ތެރެއަށް ވަނުން ނޫން ކަމަށެވެ. އެހެނެއް ކަމަކު އެކަން ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަކީދޫގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން.. ފޮޓޯ: އެމްޑީޕީ

"ސަރުކާރުން ކުރަން މި އުޅޭ ކަމަކީ ކޮންމެހެން އިންޓަނެޓްގެ ހިދުމަތް ރައްޔިތުންނަށް ރީ-ޓެއިލް ހިދުމަތުގެ ތެރެއަކަށް ވަންނާކަށް ނޫން. މޮބައިލް ހިދުމަތް ދޭކަށް ނޫން. މިހާރުވެސް ހިދުމަތް އެ ދޭ ފަރާތްތަކާއި އަލުން އޭގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން." ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ އިންޓަނެޓު އަގު ހެޔޮ ކުރުމުގެ ސިޔާސަތުގެ ދަށުން އިންޓަނެޓުގެ އަގަށް ގެނައި ބަދަލާއެކު ޕެކޭޖުތަކުގެ އަގު ހެޔޮ ވެފައި ވީ ނަމަވެސް، އަގު ހެޔޮ ކުރެވުނު ގޮތާއި މެދު ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.