ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓައިންމަންޓުގެ ކުރިއަށް އޮތް ފިލުމު 'ފުރޭތަ" ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މިފިލްމުގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލިއިރު ޓްރެއިލާ ފެނިގެންދާނީ ޝައުގުވެރި މަންޒަރުތަކެކެވެ.

"ފުރޭތަ" މި ނަމުން މިއީ ބިރުވެރި ފިލްމަކަށް ވާނެ ކަމަށް ކުރިން ބެލުވުނަސް މިއީ ބިރުވެރި ފިލްމަކަށްވާނެކަމުގެ އެއްވެސް ކުލަވަރެއް ޓްރެއިލާއިން ނުފެނެ އެވެ.

ފިލްމުގެ ޓްރެއިލާ ފެށިގެން ދަނީ ފިލްމުގެ ލީޑު އެކްޓަރު ޝަރަފް އަބްދުﷲގެ ހަޅޭކާއެކުގަ އެވެ. އެއަށްފަހު މާރާމާރީގެ މަންޒަރުތަކާއި އެކްޝަން މަންޒަރުތައް ފެނިގެންދެ އެވެ. ފިލްމުގެ މެއިން ރޯލުން ފެންނަނީ ޒުވާން ބަތަލް ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އެވެ. އެއް މިނެޓާއި 36 ސިކުންތުގެ މި ޓްރެއިލާ ނިމިގެން ދަނީ ޝަރަފް ކޮންމެވެސް މީހެއްގެ ގަޔަށް ވަޅިއެއް ޖަހާ ހިސާބުންނެވެ.

ޝަރަފްގެ އިތުރުން ދެން މިފިލްމުގައި ފެނިގެންދަނީ ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ރާވީ ފާރޫގާއި މުހައްމަދު މަނިކު އަދި އަހުމަދު ސައީދު އެވެ. މީގެ އިތުރުންވެސް މުހައްމަދު ރިފްޝާން އާއި އައިމިނަތު އަސީލާ އާއި އަހުމަދު ނީލް އާއި އާދަމް ރިޒްވީ އަދި އަލީ ނަދީހު މިފިލްމުން ފެނިގެންދާނެ އެވެ.

https://www.youtube.com/watch?v=v_EgXGLGN6U&t=4s

ޑާކްރެއިނުން ބުނީ "ފުރޭތަ" މިފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށާއި މި ފިލްމަކީ ރިވެންޖް ތްރިލާ އެއް ކަމަށެވެ. މި ފިލްމު އޮލިމްޕަހުގައި އަޅުވާނީ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ޑާކް ރެއިނުން އެންމެ ފަހުން އޮލިމްޕަހަށް ގެނައި ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި ޑައިރެކްޓަރު އަހުމަދު ޒަރީރުގެ "ބީވީމާ" އެވެ. އަދި އެ ސްޓޫޑިއޯ އިން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މާޗްގައި މީޑިއާނެޓުން ޕްރީމިއާކުރި ޗިއްޕެގެ "ހިނދުކޮޅެއް" އެވެ.