ހެނދުނު ހޭލާ ގޮތަށް ދަނީ އޮފީހަށެވެ. ކިރިޔާ ލޯ ހުޅުވައިގެން އިންނައިރު ތާއްޔާ ޖެހެނީ މަދެއް ކޮށެއް ނޫނެވެ. މިއީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ ހާލަތެވެ.

ނިދި ފިލުވާލަން ގިނަ މީހުން ބޯލަނީ ކޮފީއެކެވެ. މިއީ ގިނަ މީހުންގެ އާދަ އެކެވެ. ނަމަވެސް އެ އާދަ ނައްތާލަން ބޭނުންވާ މީހުންވެސް މަދެއް ނޫނެވެ. އެފަދަ މީހުން، ނިދި ފިލުވާލަން ބޭނުން ކުރާނީ ކޮން އުކުޅުތަކެއް ހެއްޔެވެ؟ތަޖުރިބާކާރުން ބުނާ ގޮތުން، ކޮފީއާ ނުލައި ކާމިޔާބުކަމާއެކު ނިދި ފިލުވާލުމަށް އުކުޅުުތަކެއް ބޭނުންކުރެވިދާނެ އެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ހޭލާ ގޮތަށް ފަސް މިނެޓަށް ޔޯގާ ކުރުމަކީ ނިދި ފިލުވާލުމަށް ރަނގަޅު އުކުޅެކެވެ. އަދި ޔޯގާގެ ސަބަބުން ލޭ ދައުރުވުން ރަނގަޅުވެ، ގައިގައި ރިއްސުން ފަދަ ކަންކަމަށްވެސް ލުޔެއް ލިބިގެންދާނެ އެވެ.

ޔޯގާކުރަން ބޭނުން ނުވާ ނަމަ އޮފީހަށް ދިއުމުގެ ކުރިން ގެއިން ބޭރަށް ނުކުތުމަކީ ނިދިން ހޭލެވޭނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި ބޭރަށް ނުކުމެ ކުޑަކޮށް ހިނގާލައި، ކަސްރަތުކޮށް ގުދުރަތީ މަންޒަރުތައް ބަލާލައި އުޅުމުން ނިދިން ހޭލެވޭނެ އެވެ.

ނިދިން ހޭލެވުމާއެކު ފެންތައްޓެއް ބޯލުމަކީވެސް ނިދި ފިލާނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި އޭގެ ސަބަބުން ސިއްހީ ގޮތުންވެސް އެތައް ފައިދާއެއް ލިބެ އެވެ.

އަރޯމާތެރަޕީ ބޭނުން ކުރުމުންވެސް ނިދި ފިލުވާލަން އެހީވެދެ އެވެ. އަދި ކޮފީ މަތިން މާބޮޑަށް ހަނދާންވާ ނަމަ، ކޮފީ ވަސްދުވާ ސެންޓެއްވެސް ބޭނުންކުރެވިދާނެ އެވެ.

ނިދި ފިލުވާލުމަށް ދެން އޮތް ގޮތަކީ ހެނދުނު ގަޑީގައި ރަނގަޅު ނާސްތާއެއް ނެގުމެވެ. އެގޮތުން ޕްރޮޓީންސްއާއިި ފައިބާއާއި ސިއްހަތަށް ރަނގަޅު ފެޓް ހުންނަ އެއްޗެއް ކެއުމަށް ތަޖުރިބާކާރުން ލަފާދެ އެވެ.