ވެރިރަށް މާލޭގެ ދިރިއުޅުމުގެ ޖާގަތައް ހުންނަ ގޮތުން އާއިލާއަކަށް ލިބޭ ތަންކޮޅަކީ ޖާގައިގެ މާ ތަނަވަސް ތަނަކަށް ނުވެ އެވެ. ނަމަވެސް އޮތް އުފާވެރި ހަބަރަކީ ގޭތެރޭގެ ބައެއް ކަންކަން ބަދަލު ކޮށްލައިގެން ޖާގަ ތަނަވަސްކަމަށް ދައްކާ ކަމެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަށް ބަލާލާނަމެވެ.

އެންމެ މުހިއްމު އެއް ކަމަކީ ތަނުގައި ބޭނުންކުރާ ލައިޓިން އެވެ. އެގޮތުން އެންމެ މަދުވެގެން އަލިގަދަ ތިން ބޮކި ބޭނުން ކުރަން ޖެހޭނެ އެވެ. މީގެ އިތުރުން އަލި މަޑު އެއް ބޮކި ހުރުމަކީ ވެސް ކޮޓަރި އިތުރަށް ޒީނަތްތެރިކޮށްދޭނެ ކަމެވެ. އަލިގަދަ ބޮކި ބޭނުންކުރުމުން ކުޑަ ތަންކޮޅެއްގެ އެޕާޓްމަންޓެއް ނަމަވެސް ދައްކުވައިދޭނީ ވަރަށް ހުޅުވިފައިވާ ބޮޑު ތަނެއްގެ ގޮތުގަ އެވެ.

ގިނަ މީހުން އެޕާޓްމަންޓްތަކުގައި ބޭނުންކޮށްފައި ހުންނަ ޕިއޯ ވައިޓް ނުވަތަ ހުދު ކުލައިގެ ބަދަލުގައި ކޮޓަރި އިތުރަށް ބޮޑު ކަމަށް ދައްކާ ހިތްހަމަޖެހުން ގެނުވައިދޭ އިތުރު ކުލަތަކަކީ އޮފް ވައިޓް، އެގްޝެލް، ޑޯވް ވައިޓް އެވެ. މި ކުލަތަކުން ކޮޓަރި، ނުވަތަ އެޕާޓްމަންޓަށް ވަނުމުން ހިތްފަސޭހަކަން އިހްސާސް ކޮށްދޭނެ އެވެ. މި ކުލަތައް ބޭނުންކުރާއިރު ކުޑަ އެޕާޓްމަންޓެއް ނަމަ ތަޅުންގަނޑުގައި އަނދިރި ކުލައެއްގެ މުށި ނުވަތަ އެފަދަ ކުލައެއްގެ ރަގް ބޭނުންކުރުމުން އެތަނެއް ބޮޑު ކަމަށް ދައްކާނެ އެވެ.

މީގެ އިތުރުން ގޭގައި ގެންގުޅޭ ސޯފާ، ޑައިނިން ޓޭބަލް، ފަދަ ތަކެއްޗަކީ ކުޑަ ތަނެއްގައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ އަދި އިތުރު ކަންކަމަށް ވެސް ބޭނުންކުރެވޭ އެއްޗެއްސަށް ވާން ޖެހޭނެ އެވެ. އަދި ކޮންމެ ކޮޓަރިއެއްގަ އާއި ސިޓިން ރޫމްގައި ވެސް ކޮންމެ ވެސް ކަހަލަ ކުރެހުމެއް ބެހެއްޓުމަކީ ތަނުގެ ރީތިކަން އިތުރުކޮށްދޭނެ ކަމެކެވެ.

އެއާއެކު ދެން އެންމެ މުހިއްމު އެއް ކަމަކީ ގޭގެ ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުމެވެ. އެއީ ވެސް ކުޑަތަނެއް ނަމަ ބޮޑުކަމަށް ދައްކައިދޭނެ ކަމެކެވެ. އަދި އެންމެ ހާއްސަ އެއްކަމަކީ ކޮލިޓީ ޕްރޮޑަކްޓްތަކަށް ވުރެ ގޭގައި ބޭނުންކުރާ ފަރުނީޗަރުގެ އަދަދު މަދުކޮށްގެން ގެންގުޅުމެވެ. މިގޮތަށް ގޭތެރޭގައި ބޭނުންކުރާ ސާމާނު ބޭނުންކުރަން ފެށުމުން ގޭތެރޭގެ ޒީނަތްތެރިވެ، ސާފުތާހިރުކަން އިތުރުވެގެންދާނެ އެވެ.

އެއާއެކު ގޭތެރޭގައި ބައެއް ކަހަލަ ގަސްތައް ހައްދާފައި ބެހެއްޓުމަކީ ތާޒާ ވައި ލިބި ޖާގައިގެ ގޮތުން ވެސް ތަން ބޮޑު ކަމަށް ދައްކައިދޭނެ ކަމެކެވެ.