ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ އަމިއްލަ ކުންފުނި "އެޑް-އަ-މަމާ" ގަތުމަށް އިންޑިއާގެ އެންމެ މުއްސަދި އަދި އިންޑިއާގެ އަމިއްލަ މުވާސަލާތީ ކުންފުނި، ރިލަޔަންސް ޖިއޯގެ ވެރިޔާ މުކޭޝް އަމްބާނީ ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާލިއާގެ ހެދުން ބްރޭންޑް، އެޑް-އޭ-މަމާ ގަންނަން ނިންމާފައިވަނީ ރިލަޔަންސް ރީޓެއިލްގެ ސަބްސިޑަރީއެއް ކަމަށްވާ ރިލަޔަންސް ބްރޭންޑްސް އިންނެވެ. އާލިއާގެ ބްރޭންޑް ގަތުމަށް އެކުންފުނިން ހުށަހަޅާފައިވާ އަގަކީ 300 އާއި 350 ކްރޯޑް ރުޕީސް ( 37 އާއި 43 މިލިއަން ޑޮލަރު) ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އަމްބާނީ ހުށަހެޅި ޑީލާ މެދުގައި އާލިއާ ކުރިއަށް އޮތް ދިހަ ދުވަސް ތެރޭގައި ގޮތެއް ނިންމާނެ އެވެ. މިފުރުސަތު ވެގެންދާނީ އާލިއާގެ ވިޔަފާރި އިތުރަށް ކުރިއެރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
އާލިއާގެ "އެޑް-އަ-މާ" ބްރޭންޑްގެ ދަށުން ބާޒާރަށް ނެރެފައި ވަނީ ހަތަރު އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންގެ ހެދުންތަކެވެ. އަދި މާބަނޑު އަންހެނުންނަށް ހާއްސަ ހެދުންތަކެއް ވެސް މިބްރޭންޑްގެ ދަށުން ވަނީ ބާޒާރަށް ނެރެފަ އެވެ. އަދި މި ބްރޭންޑަކީ މިހާރު އިންޑިއާގެ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ބްރޭންޑެކެވެ.
ދެހާސް ވިހީގައި ލޯންޗްކުރި އެޑް-އަ-މަމާގެ ރައުސުލްމާލު މިހާރު 150 ކްރޯޑް ރުޕީސް (18.3 މިލިއަން ޑޮލަރު) އަށް އަރަ އެވެ.
އާލިއާއަކީ، ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ގިނަ ކެމްޕޭންތަކެއް ވެސް ހިންގާ ބަތަލާއެކެވެ. އެގޮތުން ބަތަލާގެ މި ބްރޭންޑް ތައާރަފްކުރުމުގެ އެންމެބޮޑު އެއް ބޭނުމަކަށްވީ ވެސް ތިމާވެއްޓާއި ރައްޓެހި އަންނައުނުތަކެއް ތައާރަފްކޮށް، ތުއްތު ކުދިންނަށް ރައްކާތެރި އަންނައުނުތަކެއް ލިބޭނެ މަގުފަހިކޮށްދިނުމެވެ. "އެޑް-އަ-މަމާ"އިން ތަޢާރަފްކުރާ ހުރިހާ އަންނައުނުތަކަކީ ވެސް 100 ޕަސެންޓް އޯގަނިކް ކޮޓޮންއިން އުފައްދާ އަންނައުނުތަކެކެވެ.