އަންނަ ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އިތުރު 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންއާ އެއްގޮތަށް، ވޯޓުލުމުގެ ހައްގު ލިބިގެންވާ 30 ފަރާތަކުން ރީ- ރަޖިސްޓްރޭޝަން ފޯމު މި މަހުގެ 17 އިން ފެށިގެން، 31 ގެ ނިޔަލަށް ކޮމިޝަނަށް ހުށަހަޅައިފިނަމަ، މިހާތަނަށް ވޯޓުފޮއްޓެއް ބެހެއްޓުމަށް ބޭނުންވެގެން އެދިފައި ނެތް 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުން މިހާރު ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް 604 ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފަ އެވެ. އޭގެ ތެރެއިން 78 ފޮށި ބަހައްޓާނީ އެކި ރިސޯޓްތަކުގަ އެވެ.

ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ- ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވައިލާފައި ވަނީ މިމަހުގެ 16 އިން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނީ މިމަހުގެ 29 އާއި ހަމައަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ- ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.